ޚަބަރު

އީސީއަށް އައްޔަން ކުރެއްވުމަށް ރައީސް އިސްކަންދެއްވި 4 ބޭފުޅުންގެ ނަންވެސް ތަޅުމަށް


އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ނާއިބުރައީސް އަޙްމަދު އަކްރަމްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެމަޤާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި ލިސްޓުގައި ހިމެނިވަޑައިގަންނަވާ 4 ބޭފުޅުންގެ ނަންވެސް ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފިއެވެ.

މި ހަތަރު ބޭފުޅުންނަށްވެސް ރުހުން ލިބިފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ކޮމެޓީންވަނީ މި ހަަތަރު ބޭފުޅުންނާއިވެސް ވަކިވަކިން އިންޓަރވިއުކޮށް ބޭނުންފުޅުވާ މަޢުލޫމާތުތައް އޮޅުންފިލުވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރުހުން ދިނުމަށް ފެންނަކަމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޟިރުވެ ވޯޓު ދިން މެންބަރުންގެ 2/3 އަޣުލަބިއްޔަތުން ފާސްކުރި ފަރާތްތަކަކީ:
1. އަޙްމަދު އަކްރަމް، ފަރީދީނޫރު / ހއ. ހޯރަފުށި
2. އަޙްމަދު ފަޔާޟް ޙަސަން، މ. ހަޒާރީވިލާ
3. އަލްއުސްތާޛާ މަރްޔަމް ޙަނީފާ ޚާލިދު، އަނބުގަސްދޮށުގެ / ހއ. ކެލާ
4. އަޙްމަދު މަންސޫރު، މ. ރިވެތި

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަޙްމަދު އަކްރަމްގެ މެންބަރުކަމުގެ މުއްދަތު ހަމަވާނީ މި މާޗް މަހުގެ 23ވަނަ ދުވަހަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މެމްބަރުކަމުގެ މުއްދަތުވެސް މިއަހަރުގެ ތެރޭގައި ހަމަވާނެއެވެ.