ޚަބަރު

ގައްދޫއިން ފައިސާއަށް ހަށިވިއްކަމުންދިޔަ 3 މީހަކު ހައްޔަރުކޮށްފި


ފައިސާއަށް ހަށިވިއްކަމުންދިޔަ މައްސަލައަކާ ގުޅިގެން، ގދ. ގައްދޫއިން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާދީފިއެވެ. ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މި މަހުގެ 21 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ގައްދޫ ފަޅު ގެއެއްގެ ތެރެއިން އެދުވަހުގެ ރޭގެ ވަގުތެއްގައިއެވެ.މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން 21 އަހަރުގެ ބިދޭސީއެކެވެ. މި މީހުންގެ ތެރޭގައި ހިމެނޭ 22 އަހަރުގެ މީހާއާއި 20 އަހަރުގެ އަންހެން މީހާއަކީ ދެމަފިރިންކަމަށާއި، 21 އަހަރުގެ ބިދޭސީ މީހާއަކީ ބަންގްލަދޭޝް ރައްޔިތެއެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނާއި، ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަހުޤީޤު ކުރަމުންނެވެ.