ޚަބަރު

ވިލިވަރު ފޭސް 2 ގައި އިތުރު އައިސޮލޭޝަން ސެންޓަރެއް ހަދަނީ


ވިލިވަރު ފޭސް 2 ގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައިސޮލޭޝަން ސެންޓަރުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް އަޒީޒް ވިދާޅުވީ ވިލިވަރު ފޭސް 2 ގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައިސޮލޭޝަން ސެންޓަރުގެ އިތުރުން އއ.ވެލިދޫގައި މިހާރު 80 ރޫމް ބޭނުންކުރެވޭ ހާލަތުގައި ހުރިކަމަށް ކަމަށެވެ. މިގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓެލްވެސް ޓޫރިސްޓް ސަޕޯޓް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރުމަށް މިހާރުވަނީ ހަމަޖައްސަވާފައެވެ.

ކޯވިޑް ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ޕަބްލިކް ޓްރާސްޕޯޓްގެ އެންމެ ގިނަ ޚިދުމަތް ދެމުންދާ އެމްޓީސީސީން ބޭނުންކުރަމުންދާ ހުރިހާ އުޅަދެއްގައި ސެނެޓައިޒާ ހަރުކުރެވި އާންމު ސާފުތަހިރުކަމަށް ކޮންމެ ދުވަހަކުހެން ފިޔަވަޅު އަޅަމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 13 އަށް އަރާފއިވާއިރު މި އެންމެންނަކީވެސް ބިދޭސީންކަމަށް މަބުރޫކް ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްތިބި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ މުވައްޒަފުންކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ:

  • ކުރެއްދޫ އައިލެންޑް ރިޒޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިޒޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • ސަފާރީއަކުން 2 މީހުން
  • އަނަންތަރާ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.


ކަރަންޓީންގައާއި އައިސޮލޭޝަންގައި މިވަގުތު ތިބި ފަރާތްތައް:

  • ފަރުކޮޅު ފުށީގައި 11 މީހަކުވަނީ އައިސޮލޭޓްކުރެވިފައެވެ. ފަރުކޮޅު ފުށީގައި ގާއިމްކުރެވިފައިވަނީ 50 މީހުންގެ ޖާގައިގެ ފެސިލިޓީއެއް
  • ވިލިވަރުގައި 18 މީހަކުވަނީ ކަރަންޓީން ކުރެވިފައެވެ. ވިލިވަރުގައި ގާއިމްކޮށްފައިވަނީ 30 މީހުންގެ ޖާގައިގެ ތަނެއް
  • ޑީއެޗް 11 ގައި 2 މީހަކު
  • ޑީއެޗް 16 ގައި 2 މީހެއް. މިދެމީހުންނަކީ ކުރެއްދޫން ވައިރަސްގެ އަލާމާތްތައް ހުރެގެން
  • ގެނެވިފައިވާ 2 ފަރާތެކެވެ. މިމީހުންވަނީ ކޯވިޑް 19 އަށް ނެގެޓިވްވެފައެވެ.


މިރޭގެ ނޫސްވެރިންގެ ބައްދަލވުމުގައި ވާހަކަދައްކަވަމުން މަބުރޫކްވަނީ ގަތަރު އެއާވޭސް ކިއު.އާރު 674 އިން ރާއްޖެއައި މީހުންގެ ތެރެއިން ކޯވިޑްގެ އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވޭ ދިވެއްސަކު ފަރުކޮޅުފުށީ އައިސޮލޭޝަނަށް ގެންގޮސްފައިވާ ކަމަށެވެ. މިމީހާ އައިސޮލޭޝަނަށް ގެންދިޔައީ ބަލި ފެތުރިފައިވާ ޤައުމެއް ކަމަށްވާ ސްޕެއިން އިން ރާއްޖެއަށް އައުމާދޭތެރޭ 14 ދުވަސް ނުވާތީ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތަކަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.