ޚަބަރު

ކޯވިޑް 19: ރަށްރަށުގެ ބަނދަރުމަތީގައި "ހެލްތު ޑެސްކް"ތައް


ކޯވިޑް19ގެ ކޭސްތައް ރާއްޖެއިން ފެނުމާއި ގުޅިގެން، ބަލިން ރައްކާތެރިވުމަށް ރަށު ފެންވަރުގައި ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ބަލި ކޮންޓްރޯކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކަށް ވެފައިވަނީ މި ބައްޔަށް ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދެނެގަތުމާއި، އެފަދަ ފަރާތްތައް އެހެން މީހުންނާއި ބައްދަލުވެ ނޫޅުމެވެ. މިމަސައްކަތުގެ ދަށުން ރަށްރަށުންވަނީ އެރަށްރަށަށް އަރާ ފައިބާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ލަފަޔާއެކު މީހުން ދިރިއުޅޭ ރަށްރަށުގެ އެކި މުޢައްސަސާތައް ގުޅިގެންދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ކޯވިޑް19އަށް ރަށުގެ ރައްޔިތުން ހޭލުންތެރިކޮށް، ބައްޔަށް މަގުފަހިވާ ކަންކަމާއި ގުޅޭ މަޢުލޫމާތު ޢާއްމުންނަށް ވީހާވެސް ސާފުވާނެހެން ދަނީ ފޯރުވައިދެމުންނެވެ.

މި ބަލީގެ ނިޝާނެއް ރަށަކުން ފެނިއްޖެނަމަ އެންމެ މުހިންމު ކަމަކަށްވަނީ، ބަލި ފެނުނު މީހާ ދަތުރުކޮށްފައިވާ ތަންތަނާއި މުއްދަތު ދެނެގަތުމެވެ. މިއީ މި ވައިރަސް އެމީހާގެ ހަށިގަނޑަށް ވާސިލްވި ގޮތް ދެނެގަތުމާއި، އަދި އެމީހާ ދަތުރުކުރި ތަންތަނާއި ކޮންޓެކްޓްވި މީހުން ދެނެގަނެ ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ އެގޮތް ކަމަށްވާތީއެވެ.

މިކަންކަމުގެ އިތުރަށް ރަށްރަށުގެ ކައުންސިލާއި ހެލްތު ސެންޓަރުތައް ގުޅިގެންވަނީ ރަށަށް އަރާ ފައިބާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ބައެއް ރަށްރަށުން މިހާރުވެސްވަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ޑެސްކް ޖަހައިގެން މިފަދަ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އެއްކުރާ މަޢުލޫމާތުގެތެރޭގައި ދަތުރުކުރި މީހާގެ ފުރިހަމަ މަޢުލޫމާތާއި، މީހާ ދަތުރުކުރި ރަށްތަކާއި، މުއްދަތާއި އަދި އުޅަނދުގެ މަޢުލޫމާތާއި، މީހާއަށް މަޢުލޫމާތެއް ޙިއްސާކުރަން ޖެހިންޖެނަމަ ގުޅޭނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ.

މީގެ އިތުރަށް ބައެއް ރަށްރަށުގައިދަނީ ރިސޯޓްތަކާއި އެހެން ރަށްރަށުން ރަށަށް އަރާ މީހުންގެ ގައިގައި ހުމުގެ އަސަރު ހުރިތޯ ބެލުމަށް ފޯހެޑް އިންފްރާރެޑް ތަރމޯމީޓަރ ބޭނުންކޮށްގެން މޮނިޓަރކުރަމުންނެވެ.

މި މަސައްކަތްކުރަނީ ރަށްރަށުގެ ހެލްތު ސެންޓަރުގެ ނަރުހުންނާއި، ސިއްޙީ އެހީތެރިން މެދުވެރިކޮށެވެ.

ކޯވިޑް-19އާއި ގުޅިގެން ލޯކަލް ގަވަރމެންޓް އޮތޯރިޓީންވަނީ ރަށު ފެންވަރުގައި ޓާސްކް ފޯސްތައް އެކުލަވާލައި، ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ހުރިހާ ރަށެއްގެ ކައުންސިލަށް އަންގާފައެވެ.

އެގޮތުން ރަށްރަށުގައި މީހުން އެއްވެގެން ބާއްވާ ބައްދަލުވުންތައް މަދުކުރުމާއި، ކުޅިވަރުހަރަކާތްތައް ނުބޭއްވުމަށް އިރުޝާދުދިނުމާއި، ރަށުގައި ތަންތަނަށް މީހުން އެއްވެ ނޫޅުމަށްވަނީ އިރުޝާދު ދީފައެވެ. އަދި ބަލިވެ އުޅޭނަމަ މީހުންގެ ތެރެއަށް ނުނިކުތުމަށްވަނީ އިރުޝާދުދީފައެވެ.

މީގެއިތުރުން ރިޒޯޓްތަކުގައި މަސައްކަތްކުރާ ރަށު މީހުންގެ ދަފްތަރު އެކުލަވާލުމާއި، ރަށްރަށަށް އަރާ ފައިބާ މީހުން ދެނެގަތުމާއި، އަދި ކޮންމެހެން ދާންޖެހިއްޖެ ޙާލަތެއްގައި މެނުވީ ރަށުން ބޭރަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ފަރުދީގޮތުން މިކަމަށް ޙޭލުންތެރިވެ، އެޗްޕީއޭއިންދޭ އިލްތިމާސްތަކަށް ބޯލަނބާ އެކަންކަމަށް ސަމާލްވުމެވެ.