ޚަބަރު

ކޯވިޑް19 އާ ގުޅިގެން ސާކު ޤައުމުތަކުގެ ވެރިންގެ މެދުގައި ބާއްވަ ޚާއްސަ ޓެލެކޮންފަރެންސް މިއަދު ހަވީރު


ސާކް ޤައުމުތައް ގުޅިގެން ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ޤައުމުތަކުގެ ވެރިންގެ މެދުގައި ބާއްވަ ޚާއްސަ ޓެލެކޮންފަރެންސް މިއަދު އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ބައިވެރިވެވަޑައިގަންނަވާ މި ޓެލެކޮންފަރެންސް ފަށާނީ ރާއްޖެގަޑިން މިއަދު ހަވީރު 4:30 ގައެވެ. މި ޓެލެކޮންފަރެންސް ޕީއެސްއެމް ނިއުސްއިން ވަގުތުން ގެނެސްދޭނެއެވެ.

މި ކޮންފަރެންސްގައި ކޯވިޑް19 އާ ގުޅިގެން ޤައުމުތަކުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޤައުމުތަކާއި ހިއްސާކުރައްވާނެއެވެ. އަދި ކޯވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައްވެސް އެމަނިކުފާނު ހިއްސާކުރައްވާނެއެވެ.

މިކޮންފަރެންސްގައި ބައިވެރިވާނެކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އިންޑިއާއިން އިސްނަގައިގެން ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް މަރުޙަބާ ވިދާޅުވެ، މި މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.

އިންޑިއާއިން އިސްނަގައިގެން ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ސާކް ގައުމުތަކުގެ ވެރިން މަޝްވަރާކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ނިންމެވީ މިވަގުތު ދެކުނު އޭޝިއާގެ ޤައުމުތަކަށް ވަރަށް ބޭނުން ޖެހިފައިވާކަމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ކަމުން އަރައިގަތުމަށް ވަކި ވަކި ޤައުމުތަކުން މަސައްކަތްކުރުމުގެ ބަދަލުގައި މި ބަލިމަޑުކަމުން އަރައިގަނެވޭނީ ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތް ކޮށްގެންކަން ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ރަނގަޅު ސްޓްރެޓެޖީއަކަށް ސާކްގެ ގައުމުތަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެ، ސިއްހަތު ރަނގަޅު ދުނިޔެއަކަށްޓަކައި ކުރާ އެ މަސައްކަތުން މުޅި ދުނިޔެއަށް ނަމޫނާ ދެއްކުމަށް ގޮވާލައްވާފައެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަޝްވަރާ ކުރުމަށް ސާކްގެ ލީޑަރުންނަށް މޯދީ ވަނީ ގޮވާލައްވާފައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެތެރެއިން ކޯވިޑް 19އަށް އެންމެ ގިނަ މީހުން ޕޮޒިިވްވެފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 107 މީހަކު މިވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، 3 މީހަކު ވަނީ މަރުވެފައެވެ.