ޚަބަރު

ކޯވިޑް-19ގެ ބިރަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ސަރަޙައްދީ ރޮނގުތައް ބަންދުކޮށްފި


ކޯވިޑް-19ގެ ބިރަށް ދުނިޔޭގެ ގިނަ ޤައުމުތަކަކުން ސަރަޙައްދީ ރޮނގުތައް ބަންދުކޮށްފިއެވެ.

ސަރަޙައްދީ ރޮނގުތައް ބަންދުކުރުމުގެ އިތުރުން ކަރަންޓީނުކުރުމަށް ހަރުކަށި މިންގަނޑުތަކަކާއި އުޞޫލުތަކެއް ގިނަ ޤައުމުތަކުންވަނީ ކަނޑައަޅާފައެވެ. އަދި ޢާންމުން އެއްވެ އުޅުންވަނީ މަނާކޮށްފައެވެ.

ފޯނު އުފައްދާ މަޝްހޫރު ކުންފުނި އެޕަލުންވަނީ ޗައިނާ ފިޔަވާ ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ހުރި އެކުންފުނީގެ ހުރިހާ ފިހާރަތަކެއް ބަންދުކުރުމަށް ނިންމާފައެވެ. ޗައިނާގައި ހުރި ފިހާރަތައް ބަންދުކުރުމަށްފަހު އެޤައުމުގެ ޙާލަތު ރަނގަޅުވުމުން އެޕަލުންވަނީ އެޤައުމުގައި ހުރި އެކުންފުނީގެ 42 ފިހާރަ އަލުން ހުޅުވާފައެވެ. ގިނަ ޤައުމުތަކުންދަނީ ދާރުލްއާސާރުތަކާއި ފަތުރުވެރިންގެ މެދުގައި މަޤްބޫލު އެހެނިހެން މަންޒިލްތައް ބަންދުކޮށް ކުޅިވަރު ޙަރަކާތްތައް މެދުކަނޑާލާމުންނެވެ.

ސަޢުދީ ޢަރަބިއްޔާއިންވަނީ އެޤައުމަށް ކުރާ ބައިނަލްއަޤުވަމީ ހުރިހާ ވައިގެދަތުރުތައް ދެހަފުތާގެ މުއްދަތަށް ހުއްޓާލާފައެވެ. ކޮލަމްބިއާއިންވަނީ ވެނެޒުއެލާއާއިއެކު ޙިއްސާކުރާ ސަރަޙައްދީ ރޮނގު ބަންދުކޮށް، ވިލާތުގެ ޤައުމުތަކަށާއި އޭޝިޔާގެ ޤައުމުތަކަށް ދަތުރުކޮށްފައިވާ މީހުން އެޤައުމަށް އެތެރެވުން މަނާކޮށްފައެވެ. އަދި އެމެރިކާއިންވެސްވަނީ ވިލާތުގެ ޤައުމުތަކުން އެއްވެސް މީހަކު އެޤައުމަށް އެތެރެނުވެވޭނެކަން އިޢުލާންކޮށްފައެވެ.

ޓައިވާނުންވަނީ ވިލާތުގެ ޤައުމުތަކުންނާއި އިނގިރޭސިވިލާތާއި އަޔަލެންޑުން އެޤައުމަށް ދަތުރުކުރާ އެންމެން ސާދަ ދުވަހަށް އެކަހެރިވާން މަޖުބޫރުކޮށްފައެވެ. ނިއު ޒިލެންޑުންވެސް އެފަދަ ނިންމުމެއް ނިންމާ، އެއްވެސް ކްރޫޒުލައިނާއެއް ޖޫން މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އެޤައުމަށް ދަތުރުނުކުރުމަށްވަނީ އަންގާފައެވެ. ޗިލީއާއި އޮސްޓްރޭލިޔާފަދަ ޤައުމުތަކުންދަނީ ޢާންމުން އެއްވެ އުޅުން މަނާކުރަމުންނެވެ. އަދި އިނގިރޭސިވިލާތުންދަނީ މީހުން އެއްވުއުޅުން މަނާކުރާ ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ. ފިލިޕިންސްގައިވަނީ ކާފިއު އިޢުލާނުކޮށް ވިޔަފާރިކުރާ މޯލްތައް އެއްމަސް ދުވަހުގެ މުއްދަތައް ބަންދުކުރުމަށް ބާރުއަޅާފައެވެ.

މިހާތަނަށް އެވައިރަހުގެ އަސަރު 156،000އަށްވުރެ ގިނަ މީހުނަށްވަނީ ކޮށްފައެވެ. އަދި މަރުވި މީހުންގެ ޢަދަދު 6،000އާ ގާތްކުރެއެވެ.