ޚަބަރު

ޗައިނާ ފިޔަވާ އެހެން ޤައުމުތަކުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 64000އަށް އިތުރުވެއްޖެ


އެންމެ ފުރަތަމަ ކޯވިޑް-19 އުފެދި ފެތުރެންފެށި ޗައިނާ ފިޔަވާ އެހެން ޤައުމުތަކާއި ސަރަޙައްދުތަކުގައި ވައިރަހުގެ އަސަރު ކޮށްފައިވާ މީހުންގެ ޢަދަދު 64،000އަށްވުރެ އިތުރުވެއްޖެއެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ޗައިނާ ނުހިމަނޭގޮތަށް 150އަށްވުރެ ގިނަ ޤައުމަކާއި ސަރަޙައްދެއްގައި 10،896 މީހަކަށް ކޯވިޑް-19 ޖެހިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. ވައިރަހުގެ ސަބަބުން ޗައިނާގައި 3،199 މީހުން މަރުވެފައިވެއެވެ. އަދި އެހެން ސަރަޙައްދުތަކުން މަރުވި މީހުންގެ ޢަދަދުވަނީ 2،600އަށް އިތުރުވެފައެވެ. އަލަށް ވައިރަސް ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި ކެންޔާއާއި ކިއުބާއާއި އުރުގުއޭއާއި އަރޫބާ ހިމެނެއެވެ. ވައިރަސް މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެނީ ވިލާތުގެ ޤައުމުތަކުގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ޗައިނާ ފިޔަވާ އެހެން ޤައުމުތަކުގައި ކޯވިޑް-19 ޖެހިފައިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ ޖުމްލަ ޢަދަދަށްވުރެ ވިލާތުގެ ޤައުމުތަކުގައި ބަލިޖެހި މަރުވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށެވެ. ޑަބްލިއުއެޗްއޯއާއި އދން މިހާރުވަނީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްޞަ ފަންޑެއް އުފައްދާފައެވެ. އެފަންޑަށް އެއްކުރާ ފައިސާއިން ކޯވިޑް-19އާ ދެކޮޅަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވާނެއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީވިލާތަށެވެ. އެޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރިތާ ސާޅީހަށްވުރެ ގިނަ ދުވަސްވަނީ ފާއިތުވެފައެވެ. ޢާންމުން އެއްވެ އުޅުން މަނާކުރުމުގެ އިތުރުން މުޅި ޤައުމު މިހާރުވަނީ ވަދެނުކުމެ ނޫޅެވޭގޮތަށް ބަންދުކޮށްފައެވެ. އިޓަލީވިލާތުން ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދުވަނީ 21،000އަށް އިތުރުވެ 1،400އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އަދި އެއްދުވަހުން އަނެއްދުވަހަށް ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތްދަނީ އިތުރުވަމުންނެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކުއްލި ނުރައްކަލުގެ ޙާލަތު މިހާރުވަނީ އިޢުލާންކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސްވަނީ އެޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވާފައެވެ. އެޤައުމުގައި މިހާތަނަށް 3،000 މީހުނަށް ވައިރަހުގެ އަސަރުކޮށް، މަރުވިމީހުންގެ ޢަދަދު ވަނީ 60އަށް އިތުރުވެފައެވެ. އިޤްދިޞާދަށް ކުރިމަތިވަމުންދާ ހީނަރުކަން ކުޑަކުރުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުންވަނީ އެތައް ބިލިޔަން ޑޮލަރެއް ޚަރަދުކުރުމަށް ނިންމާފައެވެ. މުސާރަ ހިނގާގޮތަށް ބަލިވެގެން ނަގާ ޗުއްޓީ ދިނުމަށާއި ވަޒީފާނެތް މީހުންނަށް އިންޝިއުރަންސް ފޯރުކޮށްދިނުމަށާއި ވައިރަހަށް ހިލޭ ތަޚުލީލުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެފައިސާ ބޭނުންކުރާނެއެވެ.

ސްޕެއިނުގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒްވަނީ އެޤައުމުގައި ފަނަރަ ދުވަހަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވާފައެވެ. އެޤައުމަކީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން ވައިރަހުގެ އަސަރު 2ވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ޤައުމެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ސްޕެއިންގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު 10،000އަށްވުރެ އިތުރުވާނެކަމަށް ބެލެވޭކަމަށް އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ކްރޫޒްލައިނާ ޑައިމަންޑް ޕްރިންސަސްގައި ތިބި މީހުން ހިމަނައިގެން ޖަޕާނުން މިހާތަނަށް ފަނަރަސަތޭކައަށްވުރެ ގިނަ މީހުންނަށް ވައިރަހުގެ އަސަރުކޮށްފައިވެއެވެ. އަދި ޖަޕާނުގައި 28 މީހުންވަނީ މަރުވެފައެވެ. އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އެޤައުމުގައި ކުއްލި ޙާލަތު އިޢުލާން ނުކުރިނަމަވެސް ވައިރަސް ފެތުރުން ހުއްޓުވޭނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށެވެ.