ޚަބަރު

އިމަރޖެންސީ ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި


ކޯވިޑް19 އާ ގުޅިގެން ޤާއިމް ކޮށްފައިވާ ނޭޝަނަން އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ބައްލަވާލައްވައިފިއެވެ.

ދަރުބާރުގޭގައި ޤާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ވަޑައިގެން ރައީސްވަނީ ކޯވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި އެމަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު އެމަނިކުފާނު ވަނީ އޮޅުން ފިލުއްވާފައެވެ.

މި ޒިޔާރަތުގެ ތެރޭގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ފަންނީ ބޭފުޅުންނާއި، އެނޫންވެސް އިސްފަރާތްތަކުން އެބޭފުޅުންގެ މަސައްކަތް ރައީސަށް ތަފްސީލުކޮށްދެއްވިއެވެ.

ކޯވިޑް19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ ޙާލަތާބެހޭގޮތުން ރައީސްގެންދަވަނީ ދުވަހުންދުވަހަށް މައުލޫމާތު އޮޅުއްފިލުއްވަމުންނެވެ.

މީގެއިތުރުން މި ބަލިން ރައްޔިތުން ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރައްވާ ހުރިހާ މަސައްކަތެއް ކުރަމުންދަނީ ރައީސް ޞާލިޙްގެ ސީދާ އިސްނެންގެވުމުގެ ދަށުންނެވެ.

ކޯވިޑް19 އާ ގުޅިގެން މުޅި ރާއްޖެއަށް ޔެލޯ އެލަރޓް ނެރެ އާންމު ސިއްޙާތުގެ ކުއްލިނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށްވަނީ އިއުލާންކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް19 ޖެހިފައިވާ 13 މީހަކުވަނީ ފެނިފައެވެ.