ޚަބަރު

ކޯވިޑް19: އޮފީސްތަކުން އަޅާނެ ފިޔަވަޅުތައް ސީއެސްސީއަށް އަންގަވައިފި


ކޯވިޑް19 ރާއްޖެއިން ފެނުމާއި ގުޅިގެން މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސަރުކާރުގެ އޮފީސްތަކުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކުގައި އަޅަންވީ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވައިފިއެވެ.

މިގޮތުން އަޅަންވީ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ އެކަމާބެހޭގޮތުން ބުޜާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރައްވައި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތަކުން އަޅަން ހަމަޖެއްސެވި ފިޔަވަޅުތަކުގެ ތެރޭގައި، ކޯވިޑް19 ގެ އަލާމާތެއް ފެނިގެން މަސައްކަތަށް ނުނިކުތުމަށް ކަމާބެހޭ ފަރާތަކުން ލަފާ ދީފިނަމަ އެ މުވައްޒަފު މަސައްކަތަށް ނުނެރުމަށާއި، ބައްދަލުވުންތަކާއި ހަފުލާތަކާއި ތަމްރީނު ޕްރޮގްރާމުތައް ސަރުކާރުގެ އޮފީސްތަކުން ނުރޭވުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެހެން ބާއްވަންޖެހިއްޖެ ބައްދަލުވުމެއްނަމަ ޓެލެކޮންފަރެންސިންގ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިޒާމުކުރުމާިއ، ޚިދުމަތެއް ހޯދުމަށް ފިންގަރޕްރިންޓް ޖަހަންޖެހޭ ގޮތަށް ސަރުކާރުގެ އޮފީހަކުން ހަމަޖައްސާފައިވާނަމަ ފިންގަރޕްރިންޓް ނެގުމަކާ ނުލައި ޚިދުމަތް ދޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދިނުމަށް ބޭނުންވާ ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ޚިދުމަތް ދެވޭނެގޮތުގެ ޕްލޭނެއް ތައްޔާރުކުރުމާއި، ކޯވިޑް19 ގެ އަލާމާތްތައް ހުރި މުވައްޒަފަކު އޮފީހުގެ ތެރެއިން ފެނިއްޖެނަމަ، އެ އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ބަޔާންކުރާ ޕްލޭނެއް މާދަމާގެ ނިޔަލަށް ސަރުކާރުގެ އިދާރާތަކުން ތައްޔާރުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވާފައެވެ.

އަދި ކޯވިޑް19 އާއި ގުޅިގެން އޮރެންޖް އެލަރޓް އިޢުލާނުކޮށްފިނަމަ، ހިތުގެ ބަލިބަޔާއި، ފުއްޕާމޭގެ ބަލިބައްޔާއި، ކެންސަރު ބައްޔާއި، ހަކުރު ބައްޔާއި، ލޭމައްޗަށް ދިޔުންފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި، މާބަނޑު މުވައްޒަފުންނާއި، އުމުރުން 55 އަހަރަށްވުރެ ދޮށީ އުމުރުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ 30 ދުވަހުގެ މުއްދަތަށް ތިބުމުގެ ފުރުޞަތު އެ މުވައްޒަފުންނަށް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.

މީގެިތުރުން ރަތް އެލަރޓް ލެވެލްގައި ސަރުކާރުގެ އިދާރާތަކުން ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން މުވައްޒަފުން މަސައްކަތަށް ނުނެރުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް އެ ގޮތުގެ މަތިން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށާއި، ކޯވިޑް19 އާ ގުޅިގެން މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައާއި ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަސްތަކުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެއްވަމުންގެންދެވުމަށްވެސް ސަރުކާރުން އަންގަވާފައިވެއެވެ.

މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައި ރަށުން ބޭރަށް ދިޔުމާއި، އެކި ކަންކަމުގައި ގެއިން ބޭރަށް ދިޔުން ވީހައިވެސް މަދުކުރެއްވުމަށް މުވައްޒަފުންނަށް އެންގެވުމަށްވެސް ރައީސް ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވާފައެވެ.