ޚަބަރު

ކުރީގެ ސިއްޙީ ޚިދުމަތްތެރިންނާއި ތަޖުރިބާކާރުންގެ އެހީއަށް ހެލްތު މިނިސްޓަރ އަމީން ގޮވާލައްވައިފި


ސިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސިއްޙީދާއިރާގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކުންވެސް ބައިވެރިވެވަޑައިގެން ދެއްވުމަށް މިނިސްޓަރ އޮފް ހެލްތު ޑރ ޢަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ޕަބްލިކް ހެލްތު ދާއިރާތަކާއި ސިއްޙީ އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރުމަށްފަހު މިހާރު މަސައްކަތާއި ދުރުގައި ތިއްބެވި ފަރާތްތަކުން މިމަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި މިގޮތަށް ޚިދުމަތްކޮށް ދެއްވުމަށް ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓުކުރުމާއި މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ މިވަގުތަކީ މުޅި ދުނިޔޭގައިވެސް ސިއްޙީ ޚިދުމަތްތައް ދިނުމުގައި މީހުން ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި މިކަމުގައި ކުރީގެ މަސައްކަތްތެރިންގެ ތަޖުރިބާ މުހިއްމުކަމުގައި ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފުރުސަތު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތިއްބެވި ފަރާތްތަކަށްވެސް އެބައޮތްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެގޮތުން މިކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ދިނުމާއި ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގެ ސިއްޙީ ދާއިރާގައިތިބި ޚިދުމަތްތެރިންނާއި ފަންނުވެރިންނާއި ތަޖުރިބާކާރުންގެ އެހީ އަށް މިނިސްޓަރ އަމީން ވަނީ ގޮވާލައްވާފައެވެ.

ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކުގެ އިތުރުން އަމިއްލަ އިސްނެގުމުގައި މިދަނޑިވަޅުގައި ގިނަ ބަޔަކު އަންނަނީ ކޯވިޑް-19އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވަމުންނެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ވިޔަފާރިތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކުން އަންނަނީ މިމަސައްކަތުގައި އެއްބާރުލުންދެމުންނެވެ. އަދި ރާއްޖެ އުފެދިފައިވާ ގޮތުން ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް އަންނީ އެހީތެރިވަމުންނެވެ.