ޚަބަރު

ހާލަތު ގޯސްވެއްޖެ ނަމަ، ސްކޫލް ދަރިވަރުން ބޭނުން ކުރާނެ ޚާއްސަ ސްކީމެއް އެކުލަވާލަނީ


ކޯވިޑް-19 ގެ މިހާރު އޮތް ހާލަތު ގޯސްވެއްޖެ ނަމަ، އެ ހާލަތަށް ތައްޔާރުވުމަށް ސްކޫލް ދަރިވަރުން ބޭނުން ކުރާނެ ޚާއްސަ ސްކީމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، މިހާރުގެ ހާލަތު ބަދަލުވާގޮތުން ސްކޫލްތައް އިތުރު މުއްދަތަކަށް ބަންދުކުރަން ޖެހިއްޖެ ހާލަތުގައި އޮންލައިންކޮށް ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ

ސްކޫލް ދަރިވަރުންނަށް ފިލާވަޅުތައް ޕީއެސްއެމްގެ ޔެސް ޓީވީ ޗެނަލް މެދުވެރިކޮށް މިހާރުވަނީ ނަގައިދޭން ފަށާފައެވެ. މިއީ މިފަދަ ގޮތަކަށް ދަރިވަރުންނަށް ރަސްމީ ތައުލީމްގައި ހިމެނޭ ފިލާވަޅުތައް ގެނެސްދޭ ފުރަތަމަ ފަހަރެވެ.

"ޓެލިކިލާސް"ގެ ނަމުގައި ސްކޫލް ދަރިވަރުންގެ ފިލާވަލުތައް ބްރޯޑްކާސްޓް ކުރަން ފަށާފައި މިވަނީ ކޯވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށްޓަކއި ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލްތައް އެއް ހަފްތާއަށް ބަންދުކުރުމާއި ގުޅިގެން ދަރިވަރުންނަށް ކިޔަވައިދޭނެ އިތުރު ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މިގޮތުން މިހަފްތާގެ ސެޝަންތައް ބޮޑަށް ޚާއްސަކޮށްފައި ވަނީ ގްރޭޑް ދިހައެއްގެ ދަރިވަރުންނަށެވެ. "ޓެލިކިލާސް"ގެ ސެޝަންތައް ދައްކާނެ ވަގުތުތައްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަން ފަށާފައެވެ. މި ސެޝަންތައް ޕީއެސްއެމްގެ ޔެސްޓީވީ ޓީވީ ޗެނަލް އިން ދައްކާ ވަގުތު، ޔެސް ޓީވީ ފޭސްބުކް ޕޭޖާއި، ޓީވީއެމްގެ ޔޫޓިއުބް ޗެނަލްއިން ވަގުތުން ލައިވް ސްޓްރީމް ކުރަމުންދާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މި އިންތިޒާމް ހަމަޖައްސާފައި ވަނީ ދަރިވަރުން ގޭގައި ތިބެގެން ފަސޭހައިން ކިޔެވޭނެގޮތަކަށެވެ.

"ޓެލިކިލާސް"އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ އަތޮޅުތަކުގައި ކިޔަވާ ދަރިވަރުންނާއި އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ޓީވީ އާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެމުންދާނެކަމަށެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއްދެނީ ގްރޭޑް 10 އެއްގެ ދަރިވަރުންނަށްކަމަށާއި އެހެންނަމަވެސް އިތުރު ގްރޭޑްތަކަށް މިގޮތަށް ކިޔަވައިދިނުމަށް މުދައްރިސުން ތައްޔާރުވަމުންގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސްކޫލަށް ޓީޗަރުން ނުގޮސް ގޭގައި ހުރެ މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަނީ.އެހެންނަމަވެސް ދަރިވަރުންނަށް ބޭނުންވާ ފިލާވަލުތައް ފޯރުކޮށްދޭނެ." އެޑިއުކޭޝަން މިނިސްޓަތ ޑރ.އައިޝަތު އަލީ ވިދާޅުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހަކަދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ކިޔެވުން މެދުކަނޑާލާފައި އޮތް ހާލަތު ދިގުދެމިގެން ދާނަމަ، އެ ހާލަތަށް ތައްޔާރު ވުމަށް ދަރިވަރުންނަށް ހާއްސަ ސްކީމެއް އެކުލަވާލާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރަނީ މި ހަފްތާ ތެރޭގައި މުދައްރިސުން ސްކޫލްތަކަށް ނިކުމެގެން ކަމަށެވެ. މި ސްކީމްއަކީ ގްރޭޑް 10ން ދަށުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ޚާއްސަ ސްކީމެކެވެ. އިހުސާން ވިދާޅުވީ ސްކީމްގެ ދަށުން ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޑިޖިޓަލް ވަސީލަތްތައް ތައްޔާރު ކުރަމުން ގެންދާނެކަމަށާއި އެ ވަސީލަތްތައް އެޑިއުކޭޝަނުން ހަމަޖައްސާފައި އޮތް ޕޯޓަލް މެދުވެރިކޮށް އަދި އޮންލައިންކޮށް ދަރިވަރުންނަށް ފޯރުކޮށްދޭނެކަމަށެވެ.

"މި ސްކީމްގެ ދަށުން ކިޔެވުމަށް ބޭނުންވާ އެކި ވަސީލަތްތައް ދެނީ ކޮންމެ މާއްދާއަކަށް ވަކިވަކިން، މުދައްރިސުން ތައްޔާރުކުރާ ވަސީލަތްތައް އެޑިއުކޭޝަނުން ތައްޔާރުކޮށްފައި އޮތް ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް ލިބޭނެ. މުދައްރިސުންނަށް ބޭނުންވާ ޓެކްނިކަލް އެސިސްޓަންސް އާއި ގައިޑްވެސް އަޅުގަނޑުމެންގެ ޓެކްނިކަލް ބޭފުޅުން ފޯރުކޮށްދޭނެ" އެޑިއުކޭޗަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙުސާން ވިދާޅުވިއެވެ.

ޔެސްޓީވީ މެދުވެރިކޮށް ކްލާސްތައް ބްރޯޑްކާސްޓް ކުރުމުގެ އިތުރުންވެސް ދަރިވަރުންނަށް ފިލާވަޅު ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އެޑިޔުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްގެންކަމަށްވެސް ގެނެސްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ޚާއްސަކޮށްފައިވާ ވެބްޕޯޓަލްއާއި "ގޫގުލް ޑްރައިވް" މެދުވެރިކޮށް ލިބެން ހުންނާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޔެސްޓީވީ ޗެނަލް ޕީއެސްއެމް ކަނެކްޓް މެދުވެރިކޮށް މި ފިލާވަޅުތައް ހިލޭ ބަލާލެވޭނެއެވެ. އަދި ދިރާގު ޓީވީންވެސް ބަލާލެވޭނެއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް މިއަދުން ފެށިގެން އެއްހަފްތާއަށް ވަނީ ބަންދުކޮށްފައެވެ.