އަންނަ ލޯކަލް ކަައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތަކާއި މެދު މާދަމާ ގޮތެއް ނިންމާ އިއުލާނު ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިހާރު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ކުރިން ތާވަލުކުރި އިންތިޚާބު މިހާރު ވަނީ އަންނަ މަހުގެ 18 ވަނަދުވަހަށް ފަސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އިތުރަށް ކުރިޔަށް ގެންދާނެ ގޮތަކާއި ގުޅޭ ގޮތުން މިއަދު ޤައުމީ ލަފާދޭ ކޮމެޓީއާއި އެކު މަޝްވަރާކުރެއްވިކަމަށެވެ. އަދި މި މަޝްވަރާތަކުން ނިންމި ނިމުން މާދަމާ އިއުލާނުކުރައްވާނެކަމަށްވެސް އަކްރަމު ވިދާޅުވިއެވެ. ކޮމިޝަންގެ ނާއިބު ރައީސް ވިދާޅުވީ ހާލަތު ބަދަލުކުރެވޭނީ އެންމެން އެކުގައި ތެދުވެގެންކަމަށެވެ.
އަންނަ މަހުގެ 18އަށް އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިންތިޚާބު ފަސްކޮށްދިނުމަށް ސިޔާސީ ޕާޓީތަަކާއި ގިނަ ބަޔަކު ގޮވާލަމުންދަނިކޮށެވެ. އަދި ސިޔާސީ ޕާޓީތަކުންވެސް ވަނީ އިންތިޚާބަށް ކެމްޕެއިން ކުރުންވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވަނީ އިންތިޚާބު ޤާނޫނު ބުނާގޮތުން އިންތިޚާބު އެންމެ ފަސްކުރެވޭނީ މޭ މަހުގެ ތިިންވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އަދި މިހާރު އިންތިޚާބުގެ ތާރީހުތައް ތާވަލުކޮށްފައިވަނީ ދެވަނަ ބުރެއް ބާއްވަން ޖެހުނު ނަމަވެސް އެ ބުރުގެ ކަންކަންވެސް ޤާނުނުގައި ބުނާ ތާރީހަށް ނިމޭ ވަރަށް ކަނޑައަޅައިގެންކަމަށެވެ.