ޚަބަރު

ކޯވިޑް-19: އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދިޔުމުގައި ލުއިތަކެއް


އާސަންދައިން ފަރުވާހޯދަން ހޯދަން އެދޭ ފޯމާއި ލިޔެކިޔުންތައް ޞިއްޙީ ޚިދުމަތް ދޭ މަރުކަޒު މެދުވެރިކޮށް އާސަންދަ އޮފީހަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިފިއެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ މިގޮތަށް ނިންމީ ކޯވިޑް-19ގެ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. މިގޮތަށް ލިޔެކިޔުންތައް ފޮނުވާއިރު ބަލިމީހާ ނުވަތަ އެހީތެރިޔާއަށް ގުޅޭނެ ނަންބަރެއްވެސް ފޮނުވަންވާނެކަމަށާ، ކުރިއެކޭވެސް އެއްގޮތަށް ލިޔެކިޔުންތައް ޗެކްކުރުމަށްފަހު އާސަންދައިގެ ކަސްޓަމަރ ސަރވިސް ސެންޓަރުން ބަލިމީހާއަށް ނުވަތަ އެހީތެރިޔާއަށް ފޯނުން ގުޅައިގެން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުން ބޭރަށް ދިޔުމުގެކަންކަން ހަމަޖެހުމުން، އެމީހުންނާ ހަވާލުކުރާ ލިޔެކިއުންތަކާއި ޓިކެޓު އީމެއިލް މެދުވެރިކޮށް ފޮނުވައިދޭނެކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ. އަދި އީމެއިލް ނެތް ފަރާތްތަކަށް އައިޖީއެމްއެޗުގައި ހުންނަ އާސަންދަ ކައުންޓަރުން ރަސްމީ ގަޑީގައި ލިޔެކިއުންތައް ޙަވާލުކުރާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ކޯވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.