މިނިވަން ފަންސާހުގެ ހަރަކާތްތައް ކުރިއަށްގެންދާ ސަރަހައްދުތަކުގަ ޕާކް ކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ. މިނިވަންދުވަހުގެ ހަރަކާތްތަކަށް މާލޭގެ ގިނަ މަގުތަކެއް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ މިނިވަން ފަންސާހުގެ މުނާސަބަތުގައި ހިންގާ ހަރަކާތްތައް ކުރިޔަށްގެންދާ މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އިލްތިމާސްކުރާ ކަމަށާއި އެސަރަހައްދުތަކުގައި ޕާކުކުރުން މަނާ ބޯޑްތައް ބަހައްޓާ ކޯންވެސް ޖަހާފައިވާ ކަމަށެވެ. އަދި މަގުތަކުގައި ހަރަކާތްތައް ކުރިއަށްގެންދާއިރު، އުޅަނދުތައް ނަގާ މަގު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށާއި ތަކެތި ނުގެންދާ ފަރާތްތަކުގެ އުޅަދުތައް ތިލަފުއްޓަގެންދާ ހިސާބުން އެތަކެތި އަނބުރާ ގެނައުމަކީ އުޅަނދުގެ ވެރިފަރާތުގެ އަމިއްލަ ޒިންމާއެއްކަމަށް ދާއޫދު ވިދާޅުވިއެވެ.ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ އަންނަ ހުކުރު ދުވަހުގެރޭ ޖުމުހޫރީ މައިދާން ހުޅުވުމަށް ބާއްވާ ރަސްމިއްޔާތާ ގުޅިގެން އިރު އޮއްސި ހަޔެއްޖަހާއިރު އެ ސަރަހައްދު ބަންދުކުރެވޭނެކަމަށެވެ. މީގެ އިތުރުން 26 ވަނަ ދުވަހުގެރޭ އުސްފަސްގަނޑުގައި އޮންނަ ރަސްމީ ދަރުބާރުގެ ސަލާމަތީ ކަންތައްތައްވެސް ވަރުގަދަ ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން އެސަރަހައްދަށް ވަދެވޭނީ ދަޢުވަތު އެރުވޭފަރާތްތަކަށް ކަމަށާއި އެބޭފުޅުން ވެސް ވަޑައިގަންނަވާއިރު ދޫކުރެވިފައިވާ ފާސް ހިތްޕަވައިގެން ވަޑައިގަތުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި ބަންދު ކުރެވިފައިވާ ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުން ގެއަށް ދާއިރު ސުވާލުކޮށް ހަދާނެކަމަށާއި މިކަމުގައި އެގެތަކުގެ މީހުންގެ އެއްބާރުލުން ބޭނުންވާނެކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.