ޚަބަރު

މާލެ ސަރަހައްދުގެ ސިޓީ ހޮޓާ ގެސްޓްހައުސްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިންވުން މަނާކޮށްފި


މާލެ ސަރަހައްދުގެ ސިޓީ ހޮޓާތަކާއި ގެސްޓް ހައުސް ތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިންވުން އެޗްޕީއޭއިން މަނާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެންގެވި މިއެންގެވުމުގައި ވިދާޅުވެފައި ވަނީ މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ހިންގާ ގެސްޓް ހައުސްތަކާއި ސިޓީހޮޓާތަކަށް މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރުން ހުއްޓާލުމަށް އަންގާކަމަށެވެ.

އަދި އެ ފަދަ ތަންތަނުގައި މިހާރު ޗެކްއިންވެފައި ތިބި ބިދޭސީ ފަތުރުވެރިންނަން ބުކިންގެ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް
ނެތްކަމުގައި ވެސް އެ އެންގުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރިޒޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށާށް ދަތުރުކުރުން ހުއްޓާލުމުގެ އެންގުމެއްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ވަނީ އަންގަވާފައެވެ.

މިގޮތުން ރިސޯޓުތަކުން ރާއްޖޭގެ މީހުންދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މިއަދުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް ވެސް ވަނީ އަންގަވާފައެވެ

އަދި މިފިޔަވަޅު އެޅުމަށް ނިންމަވާފައި ވަނީ ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (އާންމުޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ
ޤާނޫނީ ބާރުގެ ތެރެއިން ކަމުގައިވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެެވެ.

އެހެންކަމުން މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް ބާރުއަޅައިދެއްވުމަށް އެޗްޕީއޭއިން ވަނީ ކަމާއި ބެހޭ އެންމެހާފަރާތްތަކުގެ ކިބައިން އެދިފައެވެ.