ވިޔަފާރި

އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް ސަފާރީތަކަށް އިލްތިމާސްކޮށްފި


ކޯވިޑް19 އިން ރައްކާތެރިވުމަށް ކަމާގުޅުންހުރި ފަރާތްތަކުން އަންގާ އެންގުންތަކަށް ސަފާރީތަކުން އަމަލުކުރުމަށް މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ.

އެ އެސޯސިއޭޝަނުން މިކަން އަންގާފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިން ގެންދިއުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބޯޓިން އެސޯސިއޭޝަނުން ވަނީ އެޗްޕީއޭއިން އަންގާފައިވާ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށައް ފަތުވެރިން ނުގެންދިއުމަށް ހުރިހައި ސަފާރީތަކަށް އަންގާފައެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކިހިސާބުތަކުގައި އެކްސްކަރޝަންގެ ގޮތުގައި މީހުން އައުމާއި ދިއުން ވަގުތީ ގޮތުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން މިހާރު ވަނީ އަންގާފައެވެ.

އެޗްޕީއޭއިންވަނީ އެކްސްކަރޝަންތަކުގައި ގޮތުގައި އެއްވެސް ތަނަކުން، ރިސޯޓުތަކުންނާއި ސަފާރީތަކުންނާއި ގެސްޓްހައުސްތަކުން މާލެ، ހުޅުމާލެ، ވިލިމާލެއަށް މީހުން އައުމާއި ދިޔުން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާފައެވެ. އަދި މިކަމާ ގުޅުންހުރި އިދާރާތަކާއި ރިޒޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް އޮޕަރޭޓްކުރާ ފަރާތްތަކާއި އެކްސްކަރޝަންތައް ރާވައި ހިންގާ އެހެނިހެން ފަރާތްތަކުން މި އެންގުމަށް އަމަލުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

ކޯވިޑް19އާ ގުޅިގެން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރަމުންދާއިރު، މިހާތަނަށް ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުން ފެނިފައިވަނީ ރިސޯޓްތަކުންނެވެ.