ވިޔަފާރި

މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ހުޅުދުއްފާރުގައި ކުރިއަށް ގެންގޮސްފި


ރ. ހުޅުދުއްފާރުގައި ކުރިއަށްގެންދިޔަ ލޭނުމަސްވެރިކަމުގެ ތަމުރީނާއި ތުތި ބޯވަދިލަމަހުގެ ތަމުރީނުގެ 2 ވަނަ ބުރު ނިންމާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިބުރުގައި ރ. ހުޅުދުއްފާރުން 16 ބައިވެރިންވަނީ ތަމުރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ. ލޭނުމަސްވެރިކަމުގެ ތަމްރީނާއި ތުތި ބޯވަދިލަމަހުގެ ތަމުރީނުގެ ފުރަތަމަ ބުރުގައިވެސް ރ. ހުޅުދުއްފާރުން 16 ބައިވެރިންވަނީ ތަމުރީނު ފުރިހަމަކޮށްފައެވެ.

ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމަކީ ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ ސަރަޙައްދުގެ މުއްސަދިކަމުން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ދިވެހި ޒުވާނުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ.

މިތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ކުރެވޭ ލޭނު މަސްވެރިކަމަށް ދިވެހި ޒުވާން މަސްވެރިންނަށް ފުރުޞަތު ހޯދައިދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފްކޮށް، ދިވެހިންނަށް މި ބާވަތުގެ މަސްވެރިކަން ކުރާނެގޮތް ދަސްކޮށް ދިނުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ދަނީ ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަމްރީންތައް ބާއްވާފައިވެއެވެ.