ޚަބަރު

ކޯވިޑް-19: އިންޑިއާގެ ޞިއްޙީ މާހިރުންގެ ޓީމާއި މިނިސްޓަރ އަމީން ބައްދަލުކުރައްވައިފި


ކޯވިޑް-19ގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ރާއްޖެ އައި ޞިއްޙީ މާހިރުންގެ ޓީމާއި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ޞިއްޙީ މާހިރުންގެ ޓީމް ރާއްޖެއައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އިންޑިއާގެ މި ޓީމާއި ހެލްތް މިނިސްޓަރ އަމީން ބައްދަލުކުރައްވާ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާގުޅޭ އެންމެފަހުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި މި ހާލަތުން އަރައިގަތުމުގައި އެ ޓީމުގެ އެހީތެރިކަން ހޯދިދާނެގޮތްތަކާއި ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކޮށްފައިވެއެވެ.

ކޯވިޑް-19ގެ ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު، މަބުރޫކް އަޒީޒު ވިދާޅުވީ، އިންޑިއާގެ ޓީމުގައި ހިމެނޭ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ސަރުކާރުގެ މައި ހަސްފަތާލު އައިޖީއެމްއެޗުގައި ކަމަށެވެ.

މިޓީމުގައި ހިމެނިވަޑައިގަންނަވަނީ، 7 ޑޮކްޓަރުންނާއި 2 ނަރުހުންނާއި 5 މެޑިކަލް އޮފިސަރުންނެވެ.

އިންޑިއާއިން ރާއްޖެއައި މި ޓީމަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީވުމަށްޓަކާ އިންޑިއާ ސަރުކާރުން ފޮނުވާފައިވާ ޚާއްސަ ޓީމެކެވެ. މި ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ހޭނެއްތުމަށް ޚާއްސަ ޑޮކްޓަރުންނާއި، ފިޒީޝަނުންނާއި ލެބޯޓްރީ ޓެކްނީޝަނުންވެސް ހިމެނޭ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު އެ ޤައުމުން ބޭސް އެކްސްޕޯޓްކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ. އަދި އިންޑިއާއިން ރާއްޖެއަށް ދޭ ބޭހުގެ އެހީގެ ދަށުން 3 މަސްދުވަހަށް ބޭނުންވާ ޒަރޫރީ ބޭސް ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދީފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.