ޚަބަރު

ވިސާގެ މުއްދަތު އިތުރުކުރާއިރު މެޑިކަލް ރިޕޯޓު ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސަައިފި


ވާރކް ވިސާގެ އަދި އެހެނިހެން ވިސާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓު ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސަައިފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން 12 މާރިޗު 2020 ވަނަ ދުވަހު ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ އިޢުލާނުކުރައްވާފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ދަތުރު ފަތުރުކުރުން މަދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ ގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި، ވާކް ވިސާ އަދި އެހެނިހެން ވީޒާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަލަށް ވާރކް ވިސާ އަދި އެހެނިހެން ވިސާއަށް އެދި ހުށަހަޅާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ ގޮތުގެ މަތިން މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.