ކޯވިޑް- 19 އިން ރައްކާތެރިވުމަށް ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭން ނިންމި ބައެއް އެހީތައް ދިވެހި ސަރުކާރުން ބަލައިނުގަތްކަމަށް ބުނެ އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް ދެއްކެވި ވާހަކަތައް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ދޮގުކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް މިހެން ވިދާޅުވެފައިވަނީ އެނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ބުނެފައިވަނީ އެންމެ ރަގަޅަށް ކޯވިޑް-19 މެނޭޖްކުރަމުން އަންނަ ޤައުމަކަށްވާ ޗައިނާއިން އެ ޤައުމުގެ އާއްމު ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކަޓަރުންގެ ޓީމަކާއި ބައެއް ސިއްހީ ތަކެތި ފޮނުވާދިނުމަށް އެދުމުން ދިވެހި ސަރުކާރުން އެކަން ބަލައިނުގަންކަމަށެވެ. އަދި އެ އެހީތެރިކަން ބަލައި ނުގަތުމަށް ނިންމި ސަބަބު ބަޔާންކޮށްދޭން ޖެހޭކަމަށްވެސް ޝިޔާމްގެ ޓްވީޓްގައިވެއެވެ.
ޝިޔާމްގެ މި ވާހަކަތަކަށް އެއްބާރުލުން ދެއްވާ އޮޅޭގޮތަށް ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދުވެސް ވަނީ ޓްވީޓަރ މެދުވެރިކޮށް ވާހަކަ ދައްކަވާފައެވެ. ސައީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ސިއްހީ އެހީތެރިކަން ބޭނުންވެފައިވާ މި ވަގުތު ޗައިނާގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ފޮރިން މިނިސްޓްރީން ހުރަސްނާޅާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން ލިޔެފައިވާ ހަބަރެއް ހިމަނާ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާންގ ލިޒޮންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ކެބިނެޓާއި އެކު ވަރަށް ގާތުން މަސައްކަތްކުރައްވާކަމަށެވެ. އަދި ދެ ޤައުމުން ވެދެވޭނެ އެހީތެރިކަން ބެލުމަށް އެކުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަށްވެސް ސަފީރު ވިދާޅުވިއެވެ. ކޯވިޑް-19ގެ ކަންތަކުގައި ދިވެހިންގެ އެހީތެރިކަމާއި ހަމްދަރުދީ ވަރަށް ބޮޑަށް ބަލައިގަންނަވާކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އުޅުމުން ދިވެހި ސާރުން ބަލައިނުގަތްކަމަށް ބުނެ ޕީޕީއެމްއާއި ޕީއެންސީގެ މަޖިލިސް މެމްބަރުން ދައްކާފައިވާ ވާހަތަކަކީ ދޮގެއްކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. އަދި އެހީތެރިކަންދެވޭނެ ދައިރާތައް ގުޅިގެން ބަލުމުން އަންނަކަމަން ތަކުރާތުކޮށް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވަނިކޮށް ސިޔާސީ ބޭނުމަށް މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ދޮގު ވާހަކަތައް ނުފެތުރުމަށް ޝިޔާމާއި ސައީދަށް ގިނަ ބަޔަކު އަންނަނީ ޓްވީޓަރ މެދުވެރިކޮށް ގޮވާލަމުންނެވެ.
ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ އެހީއެއްގެ ގޮތުގައި އެއްމިލިއަން މަސްދަޅު ހަދިޔާކޮށްފައެވެ.
ކޯވިޑް-19 އިން ރައްކާތެރިވެ މި ބަލިން އަރާއިގަތުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި މި ފަދަ ވަގުތެއްގައި ދޮގު ވާހަކަތަކާއި ނަފްރަތު އުފެދޭ ވާހަކަތައްވެސް ނުދެއްކުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން އެއްވެސް ކަމެއް ސިއްރުނުކޮށް ހަގީގަތްތައް ހާމަކުރަމުން ގެންދާނެކަން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.