ދުނިޔޭގައި ކޯވިޑް-19 ފެތުރިފައިވާ ޤައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވަނީ ދެކުނު ކޮރެޔާގައެވެ. މިހާތަނަށް ދެކުނުކޮރެޔާގެ އަށްހާހާ ގާތްކުރާ ޢަދަދެއްގެ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން ވައިރަހުގެ ސަބަބުން މިހާތަނަށް މަރުވެފައިވަނީ ހަތްދިހަ އެއް މީހުންނެވެ. އެއީ ވައިރަހުގެ އަސަރުކޮށްފައިވާ އެހެން ޤައުމުތަކާއި ސަރަޙައްދުތަކަށްވުރެ ވަރަށް ދަށް ޢަދަދެކެވެ. އަދި ވައިރަހުގެ ސަބަބުން ދުނިޔޭގައި މީހުން މަރުވާ ނިސްބަތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވާ ޢަދަދަށްވުރެވެސް ދަށް ޢަދަދެކެވެ.
ދެކުނު ކޮރެޔާއަށް ވައިރަހުގެ އަސަރު އެހާބޮޑަށް ކޮށްފައިވީނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު ދަށްކޮށް، ވައިރަހުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު ދަށްކުރުމަށް އެޤައުމުން ޢަމަލުކުރާ ގޮތް ތަފާތެވެ، ޗައިނާއިން ޢަމަލުކުރަމުންދާ ގޮތާއި ޚިލާފަށް ދެކުނު ކޮރެޔާއިން މަސައްކަތްކުރަމުންދަނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް، ހުރިހާ މަޢުލޫމާތެއް ރައްޔިތުންނާ ޙިއްޞާ ކުރަމުންނެވެ. ތަންތަން ބަންދުކުރުމުގެ ބަދަލުގައި ދެކުނު ކޮރެޔާގައި ވައިރަހަށް ޓެސްތުކުރެވޭނެ ވަޞީލަތްތައް ތަރައްޤީކޮށް، ޓެސްޓުކުރެވޭ މިންވަރުވަނީ އިތުރުކޮށްފައެވެ. މަޢުލޫމާތު ޙިއްސާކުރުމުގައި ޢާންމުންވެސް ދަނީ އެއްބާރުލުން ދެމުންނެވެ.
މީހަކަށް ވައިރަސް ޖެހިފައިވާކަން ޔަޤީންވުމުން އެމީހާ ފާއިތުވި ސާދަ ދުވަހުގެ ތެރޭގައި ކުރި ހުރިހާކަމަކާއި ދިޔަ ހުރިހާ ތަނެއް ހޯދައެވެ. އެކަން ކުރަނީ ސީސީޓީވީ ބަލައިގެންނާއި ކްރެޑިޓް ކާޑު ބޭނުންކޮށްފައިހުރި ގޮތާއި އެމީހެއްގެ ފޯނު ބޭނުންކޮށްފައިވާ ސަރަޙައްދުތައް ދިރާސާކޮށްގެންނެވެ. އެއަށްފަހު އެމަޢުލޫމާތު ސަރުކާރުގެ ރަސްމީ ވެބްސައިޓުތަކުގައި ހިމަނާ، އެސަރަޙައްދުތަކުގައި ދިރިއުޅޭ ނުވަތަ މަސައްކަތް ކުރާ މީހުނަށް އެސްއެމްއެސްގެ ޒަރިއްޔާއިން އެސަރަޙައްދުން ވައިރަސް ޖެހިފައިވާ މީހެއް ހުރިކަން އަންގައެވެ. އަދި ވައިރަހުގެ އަސަރުކޮށްފައިވާ މީހާއާއި ބައްދަލުވި އެންމެން ފާހަގަކޮށް ވައިރަހަށް ތަހުލީލުކުރެއެވެ.
ދެކުނު ކޮރެޔާގައި ކޯވިޑް-19އަށް ތަހުލީލުކުރެވެނީ ގާތްގަނޑަކަށް ސަތޭކަ ތިރީސް ހަތަރު އެމެރިކާ ޑޮލަރަށެވެ. ނަމަވެސް ވައިރަސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ އެންމެނަށް ދެކުނު ކޮރެޔާ އެއްވެސް އަގަކާނުލާ ތަހުލީލުކޮށްދެއެވެ. އެހެންކަމުން މާލީ ކަންބޮޑުވުންތަކުގެ ސަބަބުން ތަހުލީލުކުރަން ފަސްޖެހޭ މީހުންންވެސް ހާސްކަމެއްނެތި ވައިރަހަށް ތަހުލީލުކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ވައިރަހުގެ އަސަރު ކޮށްފައިވާ މީހުން އަވަހަށް ދެނެގަނެވި، ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް އެހީތެރިވެދެއެވެ.
ދުނިޔޭގައި ކޯވިޑް-19އަށް އެންމެ ގިނައިން ތަހުލީލުކުރަމުންދަނީ ދެކުނު ކޮރެޔާގައެވެ. އެޤައުމުގައި ދުވާލަކު ދިހަހާހަށްވުރެ ގިނަ މީހުން ވައިރަހަށް ތަހުލީލުކުރެއެވެ. ދުވާލަކު ފަނަރަހާސް މީހުން ތަހުލީލުކުރުމުގެ ޤާބިލުކަން އެޤައުމަށް ލިބިފައިވެއެވެ. މިދިޔަ ބުދަ ދުވަހާއި ހަމައަށް ދުއިސައްތަ ބާވީސްހާސް ތަހުލީލު އެޤައުމުގައި ހަދާފައިވެއެވެ. ތަހުލީލުކުރުމަށް ފައްސަތޭކައަށްވުރެ ގިނަ މަރުކަޒު ކަނޑައަޅާފައިހުރެއެވެ. ކާރުގައި ގޮސް މަޑުކޮށްލުމަށްފަހު ތަހުލީލުކޮށްލެވޭ ސާޅީހަށްވުރެ ގިނަ މަރުކަޒުހުރެއެވެ. އެމަރުކަޒުތައް ހަދާފައިވަނީ ބަލި މީހުންނާއި ޞިއްޙީ ފަރުވާދޭ މީހުން ސީދާ ބައްދަލުވާ މިންވަރު މަދުކުރުމަށެވެ.
ދެކުނު ކޮރެޔާއަށް ތަޖުރިބާގެ އަލީގައި ގިނަ ފިލާވަޅުތަކެއް ދަސްވެފައިވެއެވެ. ދެހާސް ފަނަރަވަނަ އަހަރު މެދުއިރުމަތީގައި މާސް ވައިރަސް ފެތުރެން ފެށުމުން ވައިރަހަށް ތަހުލީލުކުރުމުގައި ދެކުނު ކޮރެޔާއަށް ދަތިތަކާއި ކުރިމަތިލާންޖެހުނެވެ. އެއަށްފަހު ތަހުލީލުކުރުމުގެ ކަންކަން ހަރުދަނާކުރުމަށް އެޤައުމުން ގިނަ މަސައްކަތްތަކެއްކޮށް، ވައިރަސްތަކާއި ދެކޮޅަށް ތައްޔާރުކުރާ ތަޚުލީލުތައް ފާސްކުރާނެ އުޞޫލެއް ޤާއިމްކުރިއެވެ.
ޗައިނާއިން ކޯވިޑް-19 ފެނުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ހަ ގަޑިއިރުން ނަތީޖާ ލިބޭ ނިޒާމެއް ދެކުނު ކޮރެޔާއިން ތަޢާރަފުކުރިއެވެ. އެނިޒާމު ބޭނުންކުރުމުގެ ޙުއްދަ ޚާއްޞަ އިމްތިޔާޒެއްގެ ދަށުން ވަރަށް އަވަހަށް ސަރުކާރުން ދިނެވެ. އަދި ކުލިނިކުތަކުގައި އެކިޓުތައް ބޭނުންކުރަން ފެއްޓިއެވެ. ދެކުނު ކޮރެޔާގެ އިދާރާތަކުންވަނީ ގިނަގިނައިން ބޭރުތެރެއަށް ނުގޮސް ގޭގައި ތިބުމަށް އިރުޝާދު ދީފައެވެ. އަދި މީހުންނާއި ބައްދަލުކުރުން މަދުކޮށް އިޖުތިމާޢީ ދުރުކަމެއް ބެހެއްޓުމަށްވަނީ ނަސޭހަތްތެރިވެފައެވެ.
އެޤައުމުގެ ރައްޔިތުންދަނީ އެއިރުޝާދުތަކަށް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލަންބަމުންނެވެ. އެޤައުމުގެ ކާރޫބާރޫބޮޑު މަގުތައް ހުސްވެ ރެސްޓޯރަންޓުތަކާއި ކެފޭތަކުން ފެންނަ މީހުންގެ ޢަދަދުން އެކަން ރަނގަޅަށް ސާފުވެއެވެ. ދެކުނު ކޮރެޔާގެ ޢާންމުންގެ ސަލާމަތަށް ކުޅިވަރު ޙަރަކާތްތަކާއި ކޮންސެޓުތައްވަނީ ފަސްކޮށްފައެވެ. އަދި އެންމެންހެން ދަނީ އިރުޝާދާއި އެއްގޮތަށް މާސްކު ބޭނުންކުރަމުންނެވެ. އެޤައުމުގެ ރައްޔިތުންގެ ކިޔަމަންތެރިކަމަކީ ބަލި ފެތުރޭ މިންވަރު މަދުކުރުމަށް އެހީތެރިވާކަމެކެވެ.
ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ބަލިޖެހޭ މީހުންގެ ތިނެއް ޕޮއިންޓު ހަތަރެއް އިންސައްތަ މީހުން މަރުވެއެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ދެކުނު ކޮރެޔާގައި މަރުވާ މީހުންގެ މިންވަރު ހުރީ ސުމެއް ޕޮއިންޓު ހަތެއް ހަތެއް އިންސައްތައިގައެވެ. ވައިރަސް ޖެހިފައިވާކަން އަވަހަށް ދެނެގަނެވުމާއި ތަހުލީލުކުރުމުގެ އިންތިޒާމް ހަރުދަނާވުމަކީ މަރުވާ މީހުންގެ މިންވަރު ދަށްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން ދެކުނު ކޮރެޔާގައި ވައިރަހުގެ އަސަރު ކުރާ މީހުންވެސް އެހެން ޤައުމުތަކާއި ތަފާތެވެ. އެހެން ޤައުމުތަކުގައި ވައިރަސް އާންމުކޮށް ޖެހެނީ ދުވަސްވީ މީހުންނަށާއި ފިރިހެނުންނަށެވެ. ނަމަވެސް ދެކުނުކޮރެއާގައި ވައިރަސްޖެހޭ ގިނަ މީހުންނަކީ ޒުވާން އަންހެނުންނެވެ. ގިނަ މީހުންގެ އުމުރު ސާޅީސް އަހަރަށްވުރެ ދަށެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުން ދެކުނު ކޮރެޔާ މިސާލެއްގެގޮތުގައި ނަގަންޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ. ވައިރަހުގެ އަސަރު ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީވިލާތްފަދަ ޤައުމުތަކުން ދެކުނު ކޮރެޔާއިން އެޅިފަދަ އަވަސް ފިޔަވަޅުތަކެއް އެޅިނަމަ އެޤައުމުގެ ޙާލަތު މިހާރު ގޯސްވެފައިވާ މިންވަރަށް ގޯސްނުވީސްކަމަށް ޤަބޫލުކުރެވެއެވެ. އަދި ތަހުލީލުކުރުމުގެ މުހިންމުކަން ގިނަ ބަޔަކުވަނީ ފާހަގަކޮށްފައެވެ. އަދި އަވަސް ފިޔަވަޅު އެޅުމުގެ ފޮނި ނަތީޖާ ދެކުނު ކޮރެޔާއިން ފެންނަމުންދާކަމަށް ޤަބޫލުކުރެވެއެވެ.