ޚަބަރު

ދެ ރަށެއްގެ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި


ށ. މިލަންދު އާއި އދ. މާމިގިލީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއަށް 251 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މިދެރަށުގެ ތެރެއިން މިލަންދޫގައި އަށް މަގެއްގައި ތާރުއެޅުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން 6.15 ކިލޯމީޓަރުގެ ތާރުއަޅާނެ އެވެ. މިލަންދޫގެ މަގުގެ މަސައްކަތަށް 156 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވާ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އެއްއަހަރާއި ފަސް މަސްދުވަހުގެ ތެރޭ ނިންމާގޮތަށެވެ.

މާމިގިލީގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ 6 މަގެއްގައި ތާރު އަޅާ ރަނގަޅުފެންވަރަށް ހެދުމަށްވަނީ ނިންމާފައެވެ. މި މަސައްކަތަށް 95 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މާމިގިލީގައި 4.89 ކިލޯމީޓަރުގެ ތާރުއަޅާނެއެވެ. މިމަސައްކަތް ފުރިހަމަކުރަން އާރްޑީސާއަށް ދީފައި ވަނީ 400 ދުވަހެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރްޑީސީގެ ފަރާތުން ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.

މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަޝްރޫއު ވެސް، މާލެ ސިޓީ ކައުންސިލުން ވަނީ އާރްޑީސީއާ މިދިޔަ ޖެނުއަރީ މަހު ހަވާލުކޮށްފައެވެ. މަގުތަކުގައި ފެންބޮޑުވާ މައްސަލަ އާއި ޕާކުކުރުމުގެ ދަތިކަމަށް ހައްލެއް ހޯދަން ހިންގާ މި މަޝްރޫއަށް 462 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ކަނޑައަޅާފައެވެ.