ޚަބަރު

ކޯވިޑް-19: ޕާކްތަކާއި މައިޒާންތައްވެސް ބަންދު


ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކޮށްފިއެވެ.

ކޯވިޑް19 އިން ރައްކާތެރިކުރުމަށް އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ޕާކުތަކާއި މައިޒާން ތަކަށް މީހުން ޒިޔާރަތް ކުރުން ވަކިގޮތަކަށް އަންގަންދެން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ވަނީ ކަމާބެހޭ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް ބާރުއަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ. ރާއްޖޭގައި އެއް މަސްދުވަހުގެ މުއްދަތަށް އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެ ނޫޅުމަށް އެންގުމުގެ ބާރު ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވެއެވެ.

މިއާއެކު މިއަދުން ފެށިގެން ޖުމްހޫރީ މައިދާނާއި، ސަލްޓަންޕާކް އަދި މާލޭގެ ހުރިހާ ޕާކްތަކާއި، ވިލިމާލާ ޕާކްތަކާއި، ހުޅުމާލެ ސެންޓްރަލް ޕާކާއި، ހުޅުމާލޭގެ ހުރިހާ ޕާކުތައް އާންމުންނަށް ވަގުތީ ގޮތުން ބަންދުވާނެއެވެ. އެތަންތަން ބަންދުކުރަން ނިންމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީންވަނީ ހާމަކޮށްފައެވެ.

މާލޭގައި ހުރި ޕާކްތަކައި މައިޒާންތަކަކީ އެތަންތަނަށް ގިނަ އަދަދެއްގެ ދިވެހިނާއި ބިދޭސީން ޚައްސަކޮށް ކުޑަކުދިން ގޮސް އުޅޭ ތަންތަނެވެ. އަދި މިތަންތަންތަނަށް ބަންދުދުވަސްތަކުގައި ދާ މީހުންގެ އަދަދު އިތުރުވާކަން ފާހަގަކުރެވެއެވެ.

ކޯވިޑް-19 އިން ރާއްކާތެރިވުމުގެ ގޮތުން މިހާތަނަށް މުހިއްމު ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ. މިގޮތުން އެއްހަފްތާއަށް ސްކޫލްތައް ބަންދުކުރުމާއި ލޯކަލް ކައުންސިލްގެ އިންތިޚާބް ވޯޓުލާ ދުވަސް ފަސްކުރުން ހިމެނެއެވެ.

ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައިވަނީ މިހާރު ދުނިޔޭގައި ކޯވިޑް-19 ގެ ޙާލަތު އޮތްގޮތާއި، ރާއްޖެއަށާއި ދުނިޔެއަށް މިކަމުގައި އޮތް ނުރައްކާތެރިކަމަށްބަލައި، ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އޮތްކަން ޤަބޫލުކުރެވޭތީކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.