ޚަބަރު

ކޯވިޑް-19: ތިން ރިޒޯޓަކުން 4 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރަނީ


ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓް ހަދަމުންދާކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ޓެސްޓުގެ ނަތީޖާ ލިބެންދެން އޭނާ ރިސޯޓުގައި އެކަހެރިކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އައިސޮލޭޓްކޮށް މޮނީޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެޗްޕީއޭއިންވަނީ ރޭގެ ވަގުތެއްގައި ހާމަކޮށްފައެވެ. މިދެމީހުން އައިސޮލޭޓްކޮށްފައިވަނީ ރާއްޖެ އެތެރެވުމުގެ ކުރިން އެ 2 މީހުން ކޯވިޑް19 އަށް ޕޮސިޓިވްވެފައިވާ މީހަކާއި "ކޮންޓެކްޓް" ވެފައިވާތީ ކަމަށްވެސް އެއޭޖެންސީން ވިދާޅުވިއެވެ.

މީގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ކޯވިޑް-19 އަށް ޕޮޒިޓިވް ވީ ފަތުރުވެރިއަކާއި "ކްލޯސް ކޮންޓެކްޓް' ވެފައިވާ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާ ގޭގައި އެކަހެރިކޮށްފައިވާކަމށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް-19ގެ ސަބަބުން 91 މީހެއްގެ ސާމްޕަލްވަނީ ނަގާފައެވެ. މީގެތެރެއިން 8 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 81 މީހަކުވަނީ ނެގަޓިވްވެފައެވެ. މިހާތަނަށް ނަތީޖާ ނުލިބޭ 2 މީހަކު އެބަތިއްބެވެ. އަދި ވައިރަސް ހުރި މީހަކާއި ބައްދަލުވެފައިވާ މީހުންގެ ގޮތުގައި ބަލާ 243 މީހެއްގެ ކޮންޓެކްޓް ޓްރޭސިންގ މިހާތަނަށްވަނީ ހަދާފައެވެ.