ޚަބަރު

އެކްސްކަރޝަންތަކުގައި ޓޫރިސްޓުން ނުގެންދިޔުމަަށް އެޗްޕީއޭއިން އެދިއްޖެ


މާލެ ސަރަހައްދާއި ރާއްޖޭގެ އެކިހިސާބުތަކުގައި އެކްސްކަރޝަންގެ ގޮތުގައި މީހުން އައުމާއި ދިއުން ވަގުތީ ގޮތުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އަންގަވައިފިއެވެ.

އެޗްޕީއޭއިންވަނީ އެކްސްކަރޝަންތަކުގައި ގޮތުގައި އެއްވެސް ތަނަކުން، ރިސޯޓުތަކުންނާއި ސަފާރީތަކުންނާއި ގެސްޓްހައުސްތަކުން މާލެ، ހުޅުމާލެ، ވިލިމާލެއަށް މީހުން އައުމާއި ދިޔުން މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާފައެވެ.

އަދި މިކަމާ ގުޅުންހުރި އިދާރާތަކާއި ރިޒޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް އޮޕަރޭޓްކުރާ ފަރާތްތަކާއި އެކްސްކަރޝަންތައް ރާވައި ހިންގާ އެހެނިހެން ފަރާތްތަކުން މި އެންގުމަށް އަމަލުކުރުމަށްވެސް އެޗްޕީއޭއިންވަނީ އަންގަވާފައެވެ.

އެޗްޕީއޭއިންވަނީ މިދުވަސްވަރު ފެތުރެމުންދާ ވައިރަސްގެ ސަބަބުން މީހުން ދިރިއުޅޭ ރަށްރަށުންވެސް ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތަކަށް ނުގެންދިއުމަށާއި، ރިސޯޓުތަކުގައި ތިބޭ ފަތުރުވެރިންވެސް އެކްސްކަރޝަންތަކުގައި ރަށްރަށާއި ސަފާރީތަކަށް ނުގެންދިޔުމަށް އަންގަވާފައެވެ. އަދި ބަލި ކޮންޓްރޯލްކުރުމަށް މިފަދައިން އަޅާ ފިޔަވަޅުތަކަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކާއި ޢާއްމުންގެ އިތުރުން ކުންފުނިތަކާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންވެސް ސަމާލުވެ މިއިރުޝާދުތަކަށް ބޯލެނބުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

މިދުވަސްވަރު ޢާއްމުން އެއްވެ އުޅުމާއި ކޮންމެހެން ކުރަންޖެހޭ ޙާލަތުގައި ނޫނީ ދަތުރު ނުކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ.

ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވާއިރު ރާއްޖޭގެ ސްކޫލްތައް ހުޅުވުންވެސް ވަނީ ހަފްތާއަކަށް ފަސްކޮށްފައެވެ. މީގެ އިތުރުން އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އައި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުންވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.