ޚަބަރު

ކޯވިޑް-19: މަނާ ސަރަޙައްދުތަކުން ދިވެހިންނާއި ދިވެހިން އިނދެގެންއުޅޭ ބިދޭސީންނަށް ރާއްޖެ އާދެވޭނެ


ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދަތުރުތައް ކުރުން ހުއްޓާލާފައިވާ ޤައުމުތަކުގައި ތިބި ދިވެހިންނާއި ދިވެހިންނާއި އިނދެގެން އުޅޭ ބިދޭސީންނަށް ރާއްޖެ އާދެވޭނެ ކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް އެސަރަޙައްދުތަކުން އަންނަ ދިވެހިންނާއި ދިވެހިންނާއި އިނދެގެން އުޅޭ ބިދޭސީންވެސް ރާއްޖެ އެތެރެވުމަށްފަހު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން 14 ދުވަހުގެ މުއްދަތެއް ކަރަންޓީންގައި ހޭދަކުރަންޖެހޭނެއެވެ.

އެގޮތުން ޗައިނާގެ މެއިން ލޭންޑުން އަންނަ މީހުންނާއި އިރާނާއި އިޓަލީއާއި ބަންގްލަދޭޝްއިން އަންނަ މީހުންނާއި ކޮރެއާގެ 4 ސަރަޙައްދަކުން އަންނަ މީހުން ރާއްޖެއަށް އައުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. އެހެންނަމަވެސް މިސަރަޙައްދުތަކުން އަންނަ ދިވެހިންނާއި ދިވެހިންނާއި އިނދެގެން އުޅޭ މީހުންނަށް އުސޫލުގެ ތެރެއިން ރާއްޖެ އެތެރެވެވޭނެއެވެ.

ކޯވިޑް-19އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. އަދި މިކަމާއި ގުޅިގެން ރާއްޖެއިންވެސް ވަނީ މިހާރު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައެވެ. މިއާއެކު ވައިރަހުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއްގެ ޤާނޫނީ ބާރުވެރިކަން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. މީގެ ސަބަބުން ވައިރަސް ކޮންޓްރޯލްކޮށް އެކަމުގައި ބޭނުންވާ އެހީތެރިކަން ބައިނަލްއަޤުވާމީ މައިދާނުގައިވެސް ލިބުމުގެ ފުރުސަތު ރާއްޖެއަށް އޮންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން ކޮންމެހެން ބާއްވަން ޖެހޭ އެއްވުންތައް ނޫނީ ނުބޭއްވުމާއި ދަތުރުފަތުރުތައް ވަގުތީ ގޮތުން ހުއްޓުވަން ޖެހިއްޖެ ޙާލަތުގައި އެކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރު ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތަށް ޤާނޫނުން ލިބިދެއެވެ.