ޚަބަރު

ކޯވިޑް-19 އަށް އުލިގަމު ޓާސްކްފޯހުން ރައްޔިތުން ހޭލުންތެރި ކުރަނީ


ކޯވިޑް-19 އިން ރައްކާތެރިވުމުގެ މަސައްކަތް ކުރުމަށް ހއ. އުލިގަމުގައި އެކުލަވާލައިފާ ޓާސްކް ފޯހުން، އެރަށު ރަށްޔިތުންނާއި ބައްދަލުކޮށް ކޮވިޑް-19 ބެހޭ ގޮތުން މައުލޫމާތު ދީފިއެވެ.

އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ވިދާޅުވީ، މިޓާސްކް ފޯސް އެކުލަވާލެވި، ބައްދަލުވުންތައްކުރިއަށް ދާކަމަށެވެ. ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ހޭލުންތެރެިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކުގެ އިތުރަށް އެރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާމެދުވެސް މީހުން ހޭލުންތެރި ކުރަމުންދާ ކަމަށެވެ.

މީގެތެރޭގައި އެރަށުގައި، ފިހާރަތަކުން ގަނޑުކޮށް ކާޑުގެ ބާވަތްތައް ގަނެގެން ރައްކާ ކުރާ މައްސަލް ދިމާވެފައިވާތީ އެކަން އެގޮތަށް ނުކޮށް ، ކަންކަމުގެ ޙަޤީޤަތަށް ވާޞިލުވުމަށާއި، ކަންކަމުގެ ޙަޤީޤަތް އޮޅުވާލަން ކުރަމުންދާ މަސައްކަތް ސާފުކޮށްދީފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިވަގުތު އެރަށުގެ ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށާއި، އާންމު ސާފު ތާހިރުކަމަށް އިސްކަންދީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ނަޞޭޙަތް ދެވިފައި ވެއެވެ.

މި ޓާސްކް ފޯހުގައި އުލިގަމު ކައުންސިލާއި، ސްކޫލާއި، ސިއްޙީ މަރުކަޒާއި، އެމްއެންޑީއެފާއި، އިމިގްރޭޝަނާއި، ކަސްޓަމްސްއާއި ފެނަކަކޯޕަރޭޝަން ފަދަ އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ހިމެނި ވަޑައިގަންނަވައެވެ.

532 އަށްވުރެ އިތުރު އާބާދީއެއް އޮންނަ އުލިގަމަކީ، ގިނަ އަދަދަކަށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ރަށެކެވެ. މިވަގުތުވެސް 2 ޔޮޓެއް އެރަށުގައި ބަނދަރު ކޮށްފައި ވެއެވެ.