ޚަބަރު

އާދަމް ޢާރިފުގެ ސުލޫކީ މައްސަލަ ބެލުމަށް ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލައިފި


ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް ޢާރިފުގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމަށްފަހު ކޮމިޝަނުން ހާމަކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، މިއަދުގެ ކޮމިޝަންގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޓީން ބަލަން ނިންމާފައިވާ މައްސަލައެއްގެ ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވަނީ ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް ޢާރިފް ސުލޫކީ މައްސަލަ ބެލުމަށްކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

ޖޭއެސްސީން ޑްރަގްކޯޓުގެ ޤާޟީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާއިރު، ކޮމިޝަނުން ތަޚުޤީޤުކުރުމަށް އެކުލަވާލާފައިވާ ކޮމިޓީން ބެލުމަށް ނިންމާފައިވަނީ ކޮން މައްސަލައެއްކަން ހާމަކޮށްފައިނުވެއެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ޢަމަލުކޮށްފައިވާ ގޮތުން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބްރާހީމްގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް ފާހަގަވެފައިވާތީ، އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްވެސް ވަނީ ނިންމާފައެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމަކީ މިއަހަރުގެ 22ވަނަ ބައްދަވުމެވެ.