ސިއްހަތު

ދެރަށެއްގެ ހެލްތު ސެންޓަރ މަރާމާތުކުރަނީ


ޞިއްޙީ ޚިދުމަތްދޭ ތަންތަން މަރާމާތުކޮށް، އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުން 2 ރަށެއްގެ ހެލްތު ސެންޓަރ މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ.ހެލްތު ސެންޓަރ މަރާމާތު ކުރުމުގެ އެއްބަސްވުމުގެ ދަށުން ސޮއިކޮށްފައިވަނީ ށ. ފޭދޫ އާއި އެ އަތޮޅު ކަނޑިތީމު ހެލްތު ސެންޓަރ މަރާމާތު ކުރުމުގެ އެއްބަސްވުމުގައެވެ.  ހެލްތު މިނިސްޓްރީގެ ފަރާތުން މި ޕްރޮޖެކްޓްތަކުގައި ސޮއިކުރެއްވީ  މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. މި ދެ ޕްރޮޖެކްޓަށް 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ޕްރޮޖެކްޓްތައް ހަވާލުކުރެވޭ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތައް ނިންމުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް ކޮންޓްރެކްޓަރުންގެ ކިބައިން މިނިސްޓަރ އިރުތިޝާމް އަދާމް އެދިވަޑައިގެންނެވިއެވެ.ށ ފޭދޫ ހެލްތު ސެންޓަރ މަރާމާތުކުރުމަށް ހަވާލު ކޮށްފައިވަނީ އައި.އެސް.އެފް.ކޮންސްޓްރަކްޝަނަށެވެ. މި ޕްރޮޖެކްޓް 60 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.ށ ކަނޑިތީމު ހެލްތު ސެންޓަރ މަރާމާތު ކުރުމަށް ހަވާލު ކުރެވިފައިވަނީ މުރީދު ކާޕެންޓްރީއަށެވެ. މި ޕްރޮޖެކްޓް 75 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައިއެވެ.