ޚަބަރު

މުވައްޒަފުންގެ މުސާރަކުޑަކޮށް މަޝްރޫޢުތައް ހުއްޓުވުމުގެ ވިސްނުމެއް ނެތް - ރައީސް


އިޤްތިޞާދީ ގޮތުން މުޅިދުނިޔެއަށް ދަތިތަކާ ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ރާއްޖެއަށްވެސް އިޤްތިޞާދީގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށާ، އެހެންނަމަވެސް ސަރުކާރުގެ މުވައްޒަފުންގެ މުސާރަކުޑަ ކުރުމާއި މަޝްރޫޢުތައް ހުއްޓާލުމުގެ ވިސްނުންފުޅެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޞިއްޚީގޮތުން މުޅިދުނިޔެއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ދަތިތަކަށް އިޝާރާތް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދަތިތަކުގެ އަސަރު އެންމެބޮޑަށް ކުރާނެ އެއް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނޭކަމަށެވެ.

މިދަނޑިވަޅުގައި ދިމާވެފައިވާ ދަތިތަކާއިއެކުވެސް ސަރުކާރު މުވައްޒަފުންނަށް ދެމުންދާ މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށާ، އަދި ސަރުކާރުން މިއަހަރު ހިންގުމަށް ރާވާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހުއްޓާލުމުގެ ވިސްނުމެއްވެސް ސަރުކާރުން ނުގެންގުޅުއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިގްތިޞާދީގޮތުން ދަތި މިދަނޑިވަޅުގައި ސަރުކާރުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ނިންމަވާފައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ޕީއެސްއައިޕީގައި ނުހިމެނޭ ކަންތައްތަކާއި، ސަރުކާރުގެ ދަތުރުތަކާއި، ބައެއް ވުޒާރާތަކުން ކުރުމަށް ރާވާފައިވާ މަރާމާތުގެ ކަންކަން މިދަނޑިވަޅުގައި ނުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ސަރުކާރުން އަމަލުކުރަމުންދަނީ ރައްޔިތުންނަށް ދެމުންދާ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެގޮތަކަށް މިހާރުވެސް ދެމުންދާ ގޮތަށް ޚިދުމަތްތަށް ފޮރުކޮށް ދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޞިއްޙީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި އަސާސީ ޚިދުމަތްތައްވެސް އެއްވެސް ހުއްޓުމެއްނެތި ފޯރުކޮށް ދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ދިވެހި ރައްޔިތުން ހާސްމުގެ ތެރެއަށް ނުގޮސް ކެތްތެރިކަމާއެކު ކަމާއިބެހޭ ފަރާތްތަކުން ދެއްވާ ލަފަޔާއި މަޝްވަރާގެ މަތީން ޢަމަލުުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.