ޚަބަރު

ކޯވިޑް-19: އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް


ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އިންޑިއާ ސަރުކާރުން އެހީވާން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީއިން ވިދާޅުވީ އިންޑިއާއިން މި އެހީ ދޭން ނިންމީ، ކޯވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައެޅުމާ ގުޅިގެންކަމަށެވެ.

އެގޮތުންް އިންޑިއާގެ ސިއްހީ މާހިރުންނާއި ޚިދުމަތްތެރިން ހިމެނޭ 14 މެމްބަރުންގެ ޚާއްސަ ޓީމެއް ރާއްޖެ ފޮނުވަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވިއެވެ. މި ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ހޭނެއްތުމަށް ޚާއްސަ ޑޮކްޓަރުންނާއި، ފިޒީޝަނުންނާއި ލެބޯޓްރީ ޓެކްނީޝަނުންވެސް ހިމެނޭ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ބޭސް އެތެރެކުރުމުގައިވެސް ދަތިތަކެއް ކުރިމަތި ނުވާނެކަމުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންޑިއާގައި ކޯވިޑް-19 ފެތުރެން ފެށުމާއިއެކު އެ ޤައުމުން ބޭސް އެކްސްޕޯޓްކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމީ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާއިން ރާއްޖެއަށްދޭ ބޭހުގެ އެހީގެ ދަށުން 3 މަސްދުވަހަށް ބޭނުންވާ ޒަރޫރީ ބޭސް ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދީފައިވާކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ރިއާޔަތްކޮށް، ދިވެހިންނަށް ލުއި ދޭން ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

ހައިކޮމިޝަނުން ބުނީ އިންޑިއާ އިން ރާއްޖެއަށް ދޭ އިންސާނިއްޔަތުކަމުގެ މިފަދަ އެހީތަކަކީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީ އާއި ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީގެ ވަރުގަދަކަމާއި ދެގައުމުގެ ދެމެދުގައިވާ ބަދަހިގުޅުން ހާމަވާ ކަމެއް ކަމަށެވެ.