ސިޔާސީ

ނައިބްރައީސްގެ މަޤާމުގެ ހުވާ އަހްމަދު އަދީބު ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމަށް މިއަދު އައްޔަންކުރެއްވި އަޙްމަދު އަދީބު މަގާމުގެ ހުވާ މިއަދުކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ހުވާ އަދީބު ކުރައްވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.މަގާމާއި ހަވާލުވުމަށްފަހު އަދީބު ވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާކުރައްވާ، އިޤްރާރުގައި ސޮއިކުރައްވާފައެވެ.ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމަށް އައްޔަންކުރެއްވި އަޙްމަދު އަދީބުގެ ނަންފުޅު މިއަދު ވަނީ ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.އަދީބު މިހާތަނަށް ހުންނެވީ ޓުއަރިޒަމް މިނިސްޓަރގެ މަގާމުގައެވެ. އަދީބު ވަނީ ޓުއަރިޒަމް މިނިސްޓަރގެ މަގާމު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގައިވެސް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމަށް އަދީބު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވާފައި މިވަނީ، ކުރިން އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަޙްމަދުގެ އިތުބާރު ނެތްކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.