ކޯވިޑް-19ގެ ނުރައްކާ މިއަދު ދުނިޔެއަށް ބޮޑުވަމުންދާއިރު، މިބަލި ޖެހިގެން ރިޕޯޓްކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިވައިރަހުގެ ނުރައްކަލުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތެއް ނުވެއެވެ. ޢާއްމު ރައްޔިތުންނެކޭ އެއްފަދައިން އެކި ދާއިރާތަލުން މަޝްހޫރު އެތައް ބަޔަކުވެސް ވަނީ މިނުރައްކަލަށް ހުށަހެޅިފައެވެ.
މިހާތަނަށް އައި އިރު ކޯވިޑް-19އަށް ފަރުވާއެއް ހޯދިފައިނުވެއެވެ. މިބަލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ ލިސްޓްގައި ސިޔާސީ ބޭފުޅުންނާއި ދުނިޔޭގެ މަޝްހޫރު ފިލްމް ސްޓާރުންނާއި، ފުޓުބޯޅަ ކުޅުންތެރިންނާއި އެކި ފަންނާނުންވެސް ހިމެނެއެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވުމާއިއެކު ގިނަ ބައެއްގެ ސަމާލުކަމާއި ހަމްދަރުދީ ލިބިގެންދިޔަ އެކަކީ، އެކެޑަމީ އެވޯޑްސްއާއި ގޯލްޑަން ގްލޯބް އެވޯޑް ލިބިފައިވާ އެކްޓަރ ޓޮމް ހޭންކްސްއެވެ. އޮސްޓްރޭލިއަގައި އޭނާގެ އައު ފިލްމްގެ ޝޫޓިންންއަށްގޮސް އުޅެނިކޮށް ޓޮމް ހޭންކްސްއާއި އޭނާގެ އަންހެނުން ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެކަން އޭނާވަނީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް އިއުލާންކޮށްފައެވެ. ޢުމުރުން 63އަހަރުގެ ޓޮމް ހޭންކްސްއާއި އޭނާގެ އަންހެނުން މީގެ ދުވަސްކޮޅެއް ކުރިން ގައިގައި ރިއްސާ ހުން އައިސް ރޯގާޖެހި އުނދަގޫތައް އިހުސާސްވާންފެށުމުން ޑޮކްޓަރަށް ދެއްކިކަން ޓޮމް ހޭންކްސް ފާހަގަކުރިއެވެ.
މިހާރު މި ދެމަފިރިން އައިސޮލޭޓްކޮށްފައިވާއިރު، މިބަލިން ސަލާމަތްވެ އަލުން ފިލްމް ސެޓަށް ދިއުމަށް ކެތްމަދުވެފައިވާކަން ހޭންކސް އޭނާގެ އިންސްޓަގްރާމް ޕޯސްޓްގައި ފާހަގަކުރިއެވެ،
ކޯވިޑް-19ގެ ސަބަބުން އާންމުން އެއްވެ ނޫޅުމަށް ގޮވާލާފައިވާއިރު، ހޮލީވުޑްގެ ޓީވީ ޝޯތަކުން މި އިލްތިމާސްއަށް އަމަލުކޮށް ސްޓޫޑިއޯ އޯޑިއަންސްއާ ނުލައި ޝޯތައް ނަގަން ވަނީ ފަށާފައެވެ. އެގޮތުން މަޝްހޫރު ޓީވީ ޝޯތައް ކަމަށްވާ ދި އެލަން ޝޯވ، ދަ ވިއު، ލައިވް ވިތް ކެލެން އެންޑް ރަޔަން ފަދަ ޝޯތަކުގައި ސްޓޫޑިއޯ އޯޑިއަންސް ނުހިމަނާ ޝޫޓިންތައް މިހާރު ދަނީ ކުރިއަށް ގެންދަމުންންވެ.
މަޝްހޫރު ތަރިންނެކޭ އެއްފަދައިން ޢާންމުންގެ މެދުގައި މަޤުބޫލު ކުޅިވަރުކުޅޭ ކުޅުންތެރިންވެސް މި ވައިރަހަށް ޕޮޒިޓިވް ވެގެން ދިއުމަކީ މި ކުޅުންތެރިންގެ ފޭނުންނަށް ލިބުނު ވަރަށް ހިތާމަވެރި ޚަބަރެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން، އެންބީއޭ ގޭމްސް ކެންސަލްކުރުމެވެ. މިކަން ވެގެންދިޔައީ މިކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެންބީއޭއިން އެއެސޯސިއޭޝަންގެ މުބާރާތް މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމާފައިވާކަން އިއުލާންކުރީ، މި ގޭސްމްގައި ކުޅޭ ކުޅުންތެރިއެއްކަމަށްވާ ރޫޑީ ގޮބާޓް މި ވައިރަހަށް ޕޮޒިޓިވް ވުމުންނެވެ.
ކޯވިޑުގެ ނުރައްކާ މިއަދު މިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓަރަމްޕްއާއި ހަމައަށްވެސް ފޯރާފައެވެ. އެމަނިކުފާނު ބައިވެރިވެޑައިގެންނެވި ބައްދަލުވުމެއްގައި މިވައިރަހަށް ޕޮޒިޓިވްވެފައިވާ މީހެއް އިންކަމުގެ ވާހަކައަކީވެސް މިހާރު ދުނިޔޭގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާފައިވާ ޚަބަރެކެވެ.
ޓްރަމްޕްގެ އިތުރުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ އިތުރު ގިނަ ފަރާތްތަކަށްވެސް މި ވައިރަހުގެ ނުރައްކާ މިވަނީ ކުރިމަތިވެފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ހެލްތް މިނިސްޓަރ ނަޑީން ޑޮރިސް މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭނާ ވަނީ ބަލި ޖެހުމަށްފަހު ބޮޑު ވަޒީރު ބޮރިސް ޖޮންސަންގެ އިވެންޓެއްގައިވެސް ބައިވެރިވެވަޑައިގެންނަވާފައެވެ. ނަޑީން ޑޮރިސް މިހާރު ހުންނެވީ ސެލްފް އައިސޮލޭޝަންގައި އަމިއްލަ ގެކޮޅުގައެވެ.
ކޯވިޑް-19ގެ ވާހަކަދައްކާއިރު އީރާންގެ ވާހަކަނުދައްކާ ދޫކޮއްލެވޭކަށް ނެތެވެ. އެގޮތުން އެ ޤައުމުގައި މިބަލި ބާރު ސްޕީޑްގައި ފެތުރެމުންދާއިރ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ %8 މެމްބަރުން މި ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. ޖުމުލަ 290 މެމްބަރުން ހިމެނޭ ޤާނޫނު ހަދާ މަޖިލީހުގެ 23 މެމްބަރަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. މި ސަބަބައްޓަކައި ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް މުއްދަތެއް ނެތް ގޮތައް މެދުކެނޑިފައިވާއިރު، މިކަމަކީ އީރާނަށް ކުރިމަތިވި އިތުރު ބޮޑު ގޮންޖެހުމެއްކަމަށް ޙާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
މީގެއިތުރުން އީރާނުގެ ނައިބް ރައީސަކާއި ދެ ވަޒީރުންވެސް ވަނީ މި ވައިރަހަށް ޕޮިޒޓިވް ވެފައެވެ. އީރާނުގެ ކަލްޗަރަލް ހެރިޓޭޖް، ހޭންޑިކްރާފްޓްސް އެންޑް ޓޫރިޒަމް މިނިސްޓަރު ޢަލީ އަސްޣަރާއި އިންޑަސްޓްރީ އެންޑް މައިންސް މިނިސްޓަރު ރިޒާ ރަހުމާނީ ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އީރާނުގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ރިޒާ ސޯލިހީ ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.
މި ވައިރަހަށް ޕޮޒިޓިވް ވި ފަރާތްތަކުގެ ލިސްޓުގައި މަޝްހޫރު ފުޓުބޯޅަ ޓީމް ޔުވެންޓަސްގެ ތަރި ޑެނިއަލް ރުގާނީގެ ނަން ހިމެނިގެން ދިއުމަކީ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތްކަށް ލިބުނު ހިތާމަވެރި ޚަބަރެކެވެ. 25 އަހަރުގެ ޑެނިއަލް ރުގާނީ ވެގެން ގޮސްފައި މިވަނީ އިޓަލީގެ ޓޮޕް ޑިވިޝަންގައި މި ވައިރަހަށް ޕޮޒިޓިވް ވި ފުރަޔަމަ ކުޅުންތެރިޔާއަށެވެ. މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ކުޅޭ ޔުވެންޓަސްއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ޑެނިއަލް ރުގާނީގެ ޙަލު މިހާރު ރަނގަޅުކަމަށެވެ.
މިކަމުގެ ސަބަބުން މުޅި ޓީމު 14 ދުވަހުގެ ކަރަންޓީންއަކަށް ދާންޖެހިދާނެކަހަލަ ވާހަކަތަކެއް ފެތުރޭ މި ދަނޑިވަޅުގައި އެ ކްލަބުންވަނީ މިކަމުގެ ސަބަބުން ރުގާނީއާއި ކޮންޓެކްޓްވި މީހުން ބަލާ ސަލާމަތީ ފިޔަވަޅު އަޅަމުންދާކަން ފާހަގަކޮށްފައެވެ. ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ކިބައިން ކޯވިޑް-19 ފެނިފައިވާއިރު ޖަރުމަނުގެ ފުޓުބޯޅާ ކުލަބެއްކަމަށްވާ ހަނޯވާ 96ގެ މުޅި ޓީމުވެސް މިހާރުވަނީ ކަރަންޓީންކޮށްފައެވެ.
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 އަކީ ޕެންޑެމިކް ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިވަނީ ކަނޑައަޅާފައެވެ.