ޚަބަރު

ކުރެއްދުއިން ފަތުރުވެރިން ފުރުމަށް ހުއްދަދީފި


ކޯވިޑް 19 ފެނިގެން މީހުން އަރާ ފޭބުން މަނާކޮށްފައި އޮތް ކުރެއްދޫ އައިލެންޑް ރިސޯޓު ހުޅުވާ އެރިސޯޓުގައި ނުފުރިފައި ތިބި ފަތުރުވެރިންނަށް ފުރުމުގެ ހުއްދަދީފިއެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓަކީ ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 ފެނުނު ރިސޯޓަށްވާއިރު، އެ ރިސޯޓުގައި ކޯވިޑް ފެތުރުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އޭނާ ކޯވިޑްއަށް ޕޮޒިޓިވްވިކަން ހާމަވީ ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ފުރައިގެންދިޔަ ފަހުންނެވެ. އަދި ކުރެއްދުއިން މިހާތަނަށް 4 މީހަކު ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.

ކުރެއްދޫ ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްޕީއޭގެ މުވައްޒަފުން ރިސޯޓުގައި ޙަރަކާތްތެރިވެ ފަތުރުވެރިން ސްކްރީންކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި ނަމަވެސް އިތުރު ކޭސްއެއް ފެނިފައިނުވާކަމަށެވެ. އެހެންކަމުން، ސްކްރީންކުރުމަށްފަހު ފަތުރުވެރިންގެ ސިއްޚީ ހާލަތު ރަނގަޅުކަމަށްވާނަމަ ފަތުރުވެރިންނަށް ފުރުމުގެ ހުއްދަ ދީފައިވާކަމަށް ކުރެއްދޫއިން ބުނެއެވެ. އަދި ބަންދުކޮށްފައި އޮތް މުއްދަތުގައި ނުފުރި ތިބި ފަތުރުވެރިންނަށް އެމީހުންގެ ފްލައިޓްތަކަށް ބަލައި ދަތުރުތައް ރީޝެޑިއުލްކޮށް ދީފައިވާކަމަށްވެސް ކުރެއްދޫ އައިލެންޑް ރިސޯޓުން ބުނެއެވެ.

ކުރެއްދޫއިން ބުނީ ރިސޯޓު ހުޅުވާފައިވީނަމަވެސް އިތުރު ފަތުރުވެރިން ނުގެންނާނެކަމަށެވެ. އެހެންނަމަވެސް ދުރާލާ ހަދާފައިވާ ބުކިންތައް ކުންފުނީގެ އެހެނިހެން ރިސޯޓުތަކަށް ބަދަލުކުރެވިފައިވާކަމަށްވެސް ކުރެއްދޫ އައިލެންޑް ރިސޯޓުން ބުނެއެވެ.

ކޯވިޑް 19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކުރެއްދޫ ރިސޯޓުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނާ ކޮންޓެކްޓްވި މީހުން ވަކި ސަރަޙައްދެއްގައި އެކަހެރިކޮށްފައެވެ.