ވިޔަފާރި

އަމިއްލަ ޚަރަދުތައް ކުޑަކުރުން - މިވަގުތު އެޅިދާނެ މުހިއްމު ފިޔަވަޅެއް


ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ދަނީ އަސަރުކުރަމުންނެވެ. ދުނިޔޭގެ އިޤްތިޞާދުގެ މައި ފެކްޓަރީކަމުގައިވާ ޗައިނާގެ އިޤްތިޞާދީ ހަރަކާތްތައް ހުއްޓިފައިވާއިރު އޭގެ އަސަރު ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ކުރާނެކަން ޔަޤީންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ރާއްޖެއަކީ ނާޒުކު އިޤްތިޞާދެއް އޮތް ޤައުމަކަށްވާއިރު، ރާއްޖެއިންވެސް މިހާރު ކޯވިޑް 19 ފެނިފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ހީނަރުކަމެއް އަންނާނެކަން ޔަޤީނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މިހާރުވެސް މަދުވެފައިވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމެކެވެ. އަދި ދަތުރުފަތުރާއި ލޯކަލް ޓުއަރިޒަމަށްވެސް ފަތުރުވެރިކަމަށް އަންނަ ލޮޅުންތައް އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ރާއްޖޭގައި ކޮވިޑް19ގެ ބައެއް ކޭސްތައް ފެނިފައިވާއިރު ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމަށް މިހާރުވެސް ވަނީ އަސަރުކުރަން ފަށާފައެވެ. ރާއްޖެ އަންނަން ތިބި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ބުކިންތައް ކެންސަލްކޮށްފައެވެ. އެގޮތުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 1376 ޓޫރިސްޓުންގެ ބުކިން ވަނީ ކެންސަލްކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް 41289 ބުކިންނެވެ. ފަތުރުވެރިން ބުކިންތައް ކެންސަލްކުރުމާއި ގުޅިގެން ރާއްޖޭގެ ބައެއް ޓްރެވެލް އެޖެންސީތައްވަނީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާ ނިސްބަތް ދަށްވާނެކަމަށް ލަފާކޮށްފައެވެ.

ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި އިޤްތިޞާދަށް ކުރިމަތިވެދާނެ ގެއްލުމަކުން ދުރާލާ ތައްޔާރުވެއްޖެނަމަ އިޤްތިޞާދަށް ލިބޭ ގެއްލުން ކުޑަކުރެވޭނެއެވެ.

ރާއްޖޭގެ އިޤްތިޞާދަށް މިވަގުތު ހީނަރުކަމެއް އަޔަނުދީ އިޤްތިޞާދު ހިފެހެއްޓުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަށް ކުޑަކޮށް ހުރިހާ އިދާރާއަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް މިވަގުތު ނުކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން މައުލޫމާތުދެއްވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް، ކުޑަކުރެވެން ހުރި ހުރިހާ ޚަރަދެއް ކުޑަކުރުމެވެ. އެހެންކަމުން މިކަމުގައި ރައްޔިތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާ އަދާކޮށްފިނަމަ ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމުގެ ފުރުޞަތު ބޮޑުކަމަށް ތަޖުރިބާކާރުން ބުނެއެވެ.