ޚަބަރު

ކޯވިޑް-19: ކުޑަކުދިންގެ ލައިބްރަރީވެސް ބަންދުކޮށްފި


ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެތުރެން ފެށުމާއިއެކު، ކުޑަކުދިންގެ ލައިބްރަރީ ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ކުޑަކުދިންގެ ލައިބްރަރީއިން މަޢުލޫމާތުދިންގޮތުގައި މި ފިޔަވަޅުއެޅީ، ކޯވިޑް-19 ވައިރަސް، އިން ކުޑަކުދިން ރައްކާތެރި ކުރުމަށް ނެގޭ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. މި ފިޔަވަޅާއި އެކުކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކުޑަކުދިންގެ ލައިބްރަރީން ވަނީ މާފަށް އެދިފައެވެ.

އައު ޚިދުމަތްތަކާއި އެކު ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ މިދިޔަ އަހަރު އަލުން ވަނީ ހުޅުވާފައެވެ. ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީއަކީ ޤައުމީ ކުތުބުޚާނާގެ ދަށުން ހިންގާ ތަނެކެވެ. މި ލައިބްރަރީގައި އިމާރާތުގައި ކުޑަކުދިންނަށް ޙާއްސަ ކިޑީ ކޯނަރ އަކާއި، ކުދިން އައިސް ކިޔަވަން ތިބެވޭ ސްޓަޑީ ކޯނަރ އެއް ތަރައްޤީކޮށްފައި ވާއިރު، ކުޑަކުދިންނާއި ގުޅޭ ފިލްމު އެޅުވުމަށް ތިއޭޓަރެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އާންމުން އެއްވެ ނޫޅުމަށް ކަމާބެހޭ މުއައްސަސާތަކުންއިލްތިމާސްކުރަމުން ދާއިރު، ގިނަ މީހުން އައިސް އުޅޭ ތަންތަން ދަނީ ބަންދުކުރަމުންނެވެ. އެގޮތުން އެއް ހަފްތާއަށް ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން އުތީމު ގަނޑުވަރާއި ޤައުމީ ދާރުލް އާސަރުވެސް ވަނީ ފަތުރުވެރިންނާއި ޢާއްމުންނަށް ދައްކާލުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުންނާއި، ކައުންސިލްތަކުންނާއި އެކި ފަރާތްތަކުން ދަނީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅެއް އަޅަމުންނެވެ.