ވިޔަފާރި

ސެންޓާރާގެ އާ ރިސޯޓުގައި ހިމެނޭ ފުރަތަމަ ރަށުގެ ބިން ހިއްކާ ނިމިއްޖެ


ބިން ހިއްކައިގެން ތަރައްޤީކުރާ ސެންޓާރާގެ އާ ރިސޯޓުގައި ހިމެނޭ ފުރަތަމަ ރަށުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރާއްޖޭގައި މިހާރުވެސް ހަތަރު ރިސޯޓެއް ހިންގަމުން އަންނަ ސެންޓާރާއިން މާލެ އަތޮޅުގެ ފަޅަކުން ތިން ރަށެއް ހިއްކައިގެން ތަރައްޤީކުރާ މި ރިސޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.

މި އެއްބަސްވުމުގެ ދަށުން މާލެ އަތޮޅުގެ ފަޅަކުން 21 ހެކްޓަރުގެ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކޮށް، ހިލަ ތޮށި ޖެހުމުގެ މަސައްކަތް 300 ދުވަހުން ނިންމުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މީގެ ތެރެއިން ފުރަތަމަ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މި މަސައްކަތް ކުރިއަށްދާގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައްލަވާލައްވާފައެވެ. އަދި ދެން ކުރިއަށްދާނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

2019 އޮކްޓޯބަރު 8 ވަނަ ދުވަހު ބެންކޮކްގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސެންޓާރާގެ ފަރާތުން މި އެއްބަސްވުމުގައި އެ ކުންފުނީގެ ސީއީއޯ ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޭރުގެ ސީއީއޯ ހުސައިން ޝާހްއެވެ.