ޚަބަރު

އިންތިޚާބު ފަސްކުރުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ: އަކްރަމް


ކޯވިޑް-19އާއި ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން ފަސްކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ، ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ މޮނީޓަރިން ކޮމިޓީ އާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެކޮމިޝަންގެ ނައިބު ރައިސް އަޙްމަދު އަކްރަމް ވިދާޅުވީ މިކަމާއމެދު ގޮތެއް ނިންމުމަށް ސަރުކާރުން ކޯވިޑް-19ގެ ޙާލަތު ދިރާސާކުރުމަށް އެކުލަވާލާފައިވާ މޮނީޓަރިން ކޮމިޓީ އާއި މަޝްވަރާކޮށް ގޮތެއް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން މާދަމާ މިކަމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް އެކޮމިޓީ އާއި އެކު ބައްދަލުވުމެއް ބޭއްވުމަށް މިހާރު މަސައްކަތް ކުރައްވަމުން އަންނަކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެކޮމިޓީން މިކަމުގައި ލަފާދޭ ގޮތެއްގެ މަތިން އިންތިޚާބު ފަސްކުރަން ޖެހިއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން އެކަންވެސް ކުރާނެކަމަށް އިކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހުގެރޭ ވަނީ އިންތިޚާބާއި ބެހޭ ޤައުމީލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. އެބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ، ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބެހެއްޓުމާއި ގުޅޭ ގޮތުންނެވެ. އަކުރަމް ވިދާޅުވީ، މާދަމާ ބާއްވާ ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި ފޮށިތައް ބަހައްޓާނެ ޤައުމުތައް ކަނޑައެޅޭނެ ކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިނތިޚާބު ފަސްކުރުމަށް ގިނަބަޔަކު އެދެމުންދާއިރު ބައެއް ސިޔާސީ ޕާޓީތަކުންވެސް އަންނަނީ އިންތިޚާބު ފަސްކުރުމަށް އެދެމުންނެވެ. އެހެންނަމަވެސް މިދަނޑިވަޅުގައި އިންތިޚާބު ފަސްކޮށްފިނަމަ މާލީ ބޮޑު ގެއްލުމެއް ލިބޭނެކަމަށްވެސް އިލެކްޝަނުން ވަނީ ހާމަކުރައްވާފައެވެ.