ޚަބަރު

ކޮވިޑް-19: ބަލީގެ އަލާމާތްތައް ހުރި މީހަކު ފަރުކޮޅަށް ގެންނަނީ


ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ކުރި ބިދޭސީއަކު ފަރުކޮޅު ކަރަންޓީން ފެސިލިޓީސްއަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި، ކޮވިޑް-19ގެ ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކު ވިދާޅުވީ، މިހާރު ފަރުކޮޅުގެ ކަރަންޓީން ފެސިލިޓީއަށް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ ކޮންޓެކްޓް ޓްރޭސިންގައި ހިމެނުނު، ބިދޭސީއެއް ކަމަށެވެ.

އޭނާއަކީ ސޭންޑީޒް ބަތަލާގެ ސްޓާފެއްކަމުގައި މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ، ފަރުކޮޅަށް ގެނެވޭ ބިދޭސީ މީހާގެ އިތުރުން، ބަނގުލަދޭޝްއިން ލަންކާއަށް އައުމަށްފަހު، ލަންކާގައި 14 ދުވަހު މަޑުނުކޮށް ރާއްޖެއައި ދިވެއްސަކު ވިލިވަރު ކަރަންޓީން ފެސިލިޓީއަށް ގެންދިޔުމުގެ މަަސައްކަތްވެސް މިހާރު ކުރަމުން ގެންދާކަމަށެވެ.

މަބުރޫކް ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ފަރުކޮޅުގައި 16 މީހަކު އަދި ވިލިވަރުގައި 13 މީހުން ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައިވެސް 2 މީހަކު ވަނީ ކަރަންޓީންކޮށް ފަރުވާދޭން ފަށާފައެވެ.

މަބުރޫކު ވިދާޅުވީ، މިހާތަނަށް ސަމާ އައިލެންޑް ރިޒޯޓުގައި 68 މީހުން، ކުރެއްދޫ އައިލެންޑް ރިޒޯޓުން 99 މީހުން، އަދި ސޭންޑީސް ބަތަލާއިން 17 މީހުން އަދި ކުރަމަތި ރިޒޯޓުން 20 މީހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެވި އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަަނަށް، 8 މީހުން، ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު އެ އެންމެންނަކީވެސް ބިދޭސީންނެވެ. އިންޑިއާއަށް ފޮނުވައިގެން ހެދި 7 މީހެއްގެ ޓެސްޓާއި އެކު މިހާތަނަށް ޖުމުލަ 82 މީހުން ރާއްޖެއިން ކޮވިޑް-19އަށް ޓެސްޓްކޮށްފައި ވެއެވެ. އޭގެ ތެރެއިން 76 މީހަކު ވައިރަަހަށް ނެގެޓިވްވި އިރު، އަދި ދެމީހެއްގެ ނަތީޖާ ނުލިބޭ ކަމުގައި މަބުރޫކް އަޒީޒް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި ސަރުކާރުން ގެންދަނީ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެެވެ. މިގޮތުން މިޑްޓާމް ބަންދަށް އިތުރު އެއްހަފްތާ އިތުރުކޮށް ސްކޫލުތައް ހުޅުވުންވެސް ވަނީ ފަސްކޮށްފައެވެ.