ޚަބަރު

އޮންލައިންކޮށް ކިޔެވޭނެ ގޮތްތަކަށްވެސް ދަނީ ތައްޔާރުވަމުން


ކޯވިޑް-19އާއި ގުޅިގެން ސްކޫލަށް ނުދެވޭ ޙާލަތެއް ދިމާވެއްޖެނަމަ އެކަމަށް ތައްޔާރުވުމުގެ ގޮތުން އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދެވޭނެ ގޮތްތަކަށް އެޑިއުކޭޝަން މިނިސްޓްރީއިން ތައްޔާރުވާން ފަށައިފިއެވެ.

ކޯވިޑް-19އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުމަށް ބުރޫ ނާރާނެހެން ކިޔެވުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ އިންތިޒާމް ސަރުކާރުންދަނީ ހަމަޖައްސަމުންނެވެ.

ކޯވިޑާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ކޮންމެ ދާއިރާއަކުންވެސް އަތުވެދާނެ ކުއްލި ޙާލަތަށް ބަލައި ތައްޔާރީތަށް ވަމުން އަންނަކަަށެވެ. އެގޮތުން ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ މިޑްޓާމް ޗުއްޓީއަށްފަހު ކިޔެވުން ފެށުން 1 ހަފްތާއަށް ފަސްކުރުމަށް ނިންމާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ދަނީ އޮންލައިންކޮށް ކިޔެވޭނެ ގޮތްތަކަށްވެސް ތައްޔާރުވަމުންކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ހުރިހާ ސިނާރިއޯތަކަކަށް މިދަނީ ރެޑީވަމުން. ބަންދުކުރަން ޖެހިއްޖެ ޙާލަތަކަށް ދިޔަޔަސް އޮންލައިންކޮށް ނޫނީ ބްރޮޑްކާސްޓް ކޮށްގެން ކިޔެވޭނި ގޮތްތައް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ދަނީ ތައްޔާރުވަމުން." މަބްރޫކު ވިދާޅުވިއެވެ.

މިނިސްޓްރީއިން މިހާރުވަނީ އޮންލައިންކޮށް ކިޔަވައިދެވޭނެ ސޮފްޓްވެއަރއެއް ހެދުމަށް އަމިއްލަ ބަޔަކާއި ހަވާލުކޮށްފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ދަރިވަރުންނާއި ޓީޗަރުންނާއި ދެމެދު މަޢުލޫމާތު ބަދަލުކުރެވޭނެއެވެ. މިއީ ގޭގައި ތިބެގެން ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ނުގެއްލި ކިޔެވޭނެ މަގު ފަހިކޮށްދިނު،މަށް ހަދާ ޕްލެޓްފޯމެކެވެ.