ޚަބަރު

ހަނިމާދޫ-ކޮޗިން ދަތުރުތައް މެދުކަނޑާލައިފި


އުތުރުގެ މައި ވައިގެ ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ ކޮޗިންއަށް ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ކުރަމުންއައި ދަތުރުތައް މެދު ކަނޑާލައިފިއެވެ.

ހަނިމާދޫ-ކޮޗިން ދަތުރުތައް މެދު ކަނޑާލިއިރު އެއަރލައިނުން ދިޔައީ ހަނިމާދޫއާއި ކޮޗިންނާއި ދެމެދު ހަފުތާއަކު 3 ދަތުރު ބާއްވަމުންނެވެ.

މިދަތުރުތައް މެދު ކަނޑާލި ސީދާ ސަބަބެއް މޯލްޑިވިއަނުން ހާމަކޮށްފައި ނުވިޔަސް ހަނިމާދޫ-ކޮޗިން ދަތުރުތައް މޯލްޑިވިއަނުން މެދުކަނޑާލީ ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މިދަނޑިވަޅަކީ، ސަރުކާރާއި، ކުންފުނިތަކުންވެސް ޚަރަދު ކުޑަކުރުމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ދުވަސްވަރެކެވެ.

އުތުރުގެ ރަށްޔިތުން ގިނަ އަދަދަކަށް ހަނިމާދޫ މަގުން ބޭސް ފަރުވާއަށް އިންޑިއާގެ ޓްރެވެންޑްރަމަށާއި، ކޮޗިންނަށް ދަތުރު ކުރެއެވެ. މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ މަގުން ކޮޗިންނަށް ފެށުމުން އުތުރުގެ ރައްޔިތުންނަށް އިތުރު ފަސޭހަކަން ލިބިގެން ދިޔައެވެ.

ޤައުމީ އެއަރލައިނުން ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށާފައި ވަނީ 28 އޮކްޓޯބަރު 2019 ގައެވެ. ޤައުމީ އެއަރލައިނުގެ ހަނިމާދޫ-ކޮޗިން ދަތުރުތައް މެދު ކަނޑާލި ނަމަވެސް މިހާރުވެސް ހަނިމާދޫ-ޓްރެވެންޑްރަމް ހަފުތާއަކު ދެ ދަތުރު ކުރެއެވެ.