ޚަބަރު

ޖިނާއީ ބޮޑެތި ކުށުގެ ގޮތުގައި 11 ކުށެއް ހިމަނައި ޖިނާއީއިޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފި


ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައަޅައި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް ޖިނާއީ އިޖުރާތު ޤާނޫނަށް އިސްލާހުގެ ހުށަހަޅައިފިއެވެ. މަޖިލީހަށް މިއަދު ހުށަހެޅި މިބިލުގައި ގިނަ އިސްލާހުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ.

ޖިނާއީ އިޖުރާތު ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލު މަޖިހަށް ހުށަހަޅައި ދެއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. ބިލުގައި ޖިނާއީ ބޮޑުކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.

ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނެނީ މީހަކު މެރުމުގެ ކުށް، ރޭޕްކުރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް، ޓެރަރިޒަމްގެ ކުށްތައް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް، ޓްރެފިކްކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، ލައްކައަކަށްވުރެ މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށް، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް، އަދި ރިޝްވަތުގެ ކުށާއި ކޮރަޕްޝަންގެ ކުށެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށްވެސް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވާކަމަށް ހިމަނާފައިވެއެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި މެމްބަރުންގެ އެންމެބޮޑު ތާޢީދެއް ލިބިގެން ގޮސްފައިވާ އިސްލާހަކީ ޝަރީއަތެއްނެތި ބަންދުގައި ބައިތިއްބާފައިވާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތަކެއް ބަޔާންކޮށްފައިވާ އިސްލާޙެވެ. ޤާނޫނަށް މިހާރު ގެންނަ އިސްލާހާއެކު ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެކަމަށް މިއިސްލާހުގައި ވެއެވެ.

ޤާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ބަންދުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ޙާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ޤާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ފޯނުކުރުމުގެ ފުރުޞަތުދީ، އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މިބިލަށްވާހަކަ ދެއްކެވި މެމްބަރުންވަނީ ބިލުގައި ކަނޑައެޅިފައިވާ އިސްލާހުތަކަށް ވަރަށްބޮޑަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި މިއާއެކު ޖިނާއީ ގޮތުން ކުރާކުށްތައް މަދުވެ، ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ހައްޤު އަދަބު ދެވޭނެކަމަށް މެމްބަރުން ދެކެވަޑައިގަންނަވައެވެ. އަދި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތެއް ނުހިންގައި އެތައް ދުވަހަކު ބަންދުގައި ބައިތިއްބާފައިވާ ފަރާތްތަކަށްވެސް މިއިސްލާހުތަކާއިއެކު ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށްވެސް ބެލެވެއެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނަށް ބޮޑެތި އިސްލާހުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު، ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމާއި، ޝަރީއަތަކައި ނުލައި ޖަލުގައިތިބި ފަރާތްތަކުގެ މައްސަލަތަކައިމެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ޕީޖީ އޮފީހުންދަނީ ކުރަމުންނެވެ. އަދި މިމަސައްކަތުގައި ކޯޓްތަކުގައި ހުރި މައްސަލަތައް އަވަސްކޮށް ނިންމުމަށްވެސް ޕީޖީއޮފީހުންވަނީ އިރުޝާދުދެއްވާފައެވެ.