ޚަބަރު

ކޯވިޑް-19: ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ސަރުކާރުން އެހީވާނެ


ކޯވިޑް-19 ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ޤައުމަށް އަންނަން ބޭނުންވާ މީހުންނަށް ސަރުކާރުން އެހީތެރިވަމުންދާ ކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފި.

އެސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑް-19ގެ މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ،
މިވައިރަސްގެ ސަބަބުން ބަންދުކޮށްފައިވާ ޤައުމުތަކާއި ސަރަޙައްދުތަކުން އަންނަން ބޭނުންވާ ދިވެހިންނަށް އެމީހަކު ހުރި ޤައުމެއްގެ އެމްބަސީ މެދުވެރިކޮށް އެހީތެރިކަމަށް އެދެވިދާނެ ކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 މެދުވެރިކޮށްވެސް މިކަމަށް އެދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މިދުވަސްވަރުކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށާއި މިފަދަ ގޮތަކަށް ކުރާ ދަތުރުތައްވެސް ކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް އެމިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އެޤައުމެއްގައި ހުންނަ ނުވަތަ އެޤައުމަކާއި އެންމެ ގާތުގައި ހުރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ފޮރިންގ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މަބްރޫކް ޢަބްދުލް އަޒީޒް ވިދާޅުވީ ކޯވިޑް -19އާ ގުޅިގެން ވަގުތީގޮތުން ނަމަވެސް ބަންދުކޮށްފައިވާ ޤައުމަކުން ރާއްޖެ އަންނަ ދިވެހިންވެސް 14 ދުވަހު ކަރަންޓީން ފެސިލިޓީގައި މަޑުކުރަންޖެހޭނެކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން ޗައިނާގެ ވޫހާން ސިޓީ އެޤައުމުން ބަންދުކުރުމާއި ގުޅިގެން އެސިޓީގައި ތިބި ދިވެހިންގެ ތެރެއިން އަންނަން ބޭނުންވި މީހުން ސަރުކާރުންވަނީ ރާއްޖެ ގެނެސްފައެވެ.