ޚަބަރު

ބިދޭސީންނަށް ޚާއްސަ ފްލޫ ކްލިނިކެއް ހުޅުމާލޭ ޕްރީސްކޫލްގައި ހުޅުވައިފި


ބިދޭސީންނަށް ޚާއްސަ ފްލޫ ކްލިނިކެއް ހުޅުމާލޭ ޕްރީސްކޫލްގައި ހުޅުވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ ސެންޓަރުން މިރޭ ވިދާޅުވީ މާލޭގައި ފްލޫ ކްލިނިކަކާއި ޓްރެވަލް ކްލިނިކެއް މިއަދު ހުޅުވާފައިވާއިރު، 3 ވަނަ ކްލިނިކެއްގެ ގޮތުގައި ބިދޭސީންނަށް ޚާއްސަ ކްލިނިކެއް މިހާރު ހުޅުވާފައިވާކަމަށެވެ.

ކޯވިޑް-19 އާއި ގުޅޭ މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ކަނޑައެޅުއްވި ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ހުޅުމާލޭ ޕްރީސްކޫލްގައި ހުޅުވި މި ކްލިނިކް ހެނދުނު 10 އިން ރޭގަނޑު 10 އަށް ހުޅުވާފައި ހުންނާނެކަމަށާއި، އެތަނަށް ޑޮކްޓަރަަށްދަންކަންދާ ބިދޭސީންނަށް އައިޑެންޓިފިކޭޝަން ކާޑެއް ނުވަތަ ވާކްޕާމިޓެއް ކޮންމެހެން ބޭނުން ނުވާނެކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެގޮތުން ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު، އެނބުރި އަންނަ މީހުންގެ ތެރެއިން ރޯގާގެ އަލާމަތެއް ފެނިއްޖެނަމަ ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މާލޭ ހިޔާ 2 ގެ ފުރަގަހުގައި ވަނީ ޓްރެވަލް ކްލިނިކެއް ހުޅުވާފައެވެ.

ޓްރެވަލް ކްލިނިކްގެ އިތުރުން ސިފައިންގެ އަސްކަރީ ހޮސްޕިޓަލް ސެނެހިޔާގައި މިހާރުވަނީ ޚާއްސަ ފްލޫ ކްލިނެކެއްވެސް ހުޅުވާފައެވެ.