ބަތަލާ ރިޒޯޓުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީ ދެމަފިން ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ކްރިޓިކަލް ކެއަރ ޔުނިޓަށް ބަދަލުކޮށްފިއެވެ.
މިއީ ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި 6 މީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލޭގައި ހުންނަ މައި ހޮސްޕިޓަލަށް ބަލިމީހުން ގެނައި ފުރަތަމަ ފަހަރެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، އއ.އަތޮޅުގައި ހިންގާ ސޭންޑީޒް ބަތަލާ އައިލެންޑުން ކޮރޯނާ އަށް ޕޮޒިޓިވްވެގެން ފަރުކޮޅުފުއްޓަށް ގެނައި ބިދޭސީ ދެމަފިރިންގެ ތެރެއިން 70 އަހަރުގެ ފިރިހެންމީހާ ގާތުން މޮނިޓަރކުރަންޖެހޭތީ އޭނާ ދަރުމަވަންތަ ހޮސްޕިޓަލްގައި ތައްޔާރުކޮށްފައިވާ ޑީއެޗް-11 އަށް ބަދަލުކުރުމަށް ނިންމީކަމަށެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ޑރ މުއާޒް މޫސާ ވިދާޅުވީ އެ ދެ މީހުންގެ ހާލުވެސް ރަނގަޅުކަމަށާއި ނަމަވެސް ފިރިހެންމީހާއަކީ އުމުރުން ދުވަސްވީ މީހެއްކަމުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުން މުހިއްމުކަމަށެވެ.
އެ ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ޚާއްޞަ ސީސީޔޫއަށް ބަދަލުކުރި ނަމަވެސް ބަދަލުކުރުމުގެ އެއްވެސް މަރުހަލާއެއްގައި އާންމުންނާއިވެސް އަދި ހޮސްޕިޓަލުގެ އެހެން ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފަކާވެސް ދިމާނުވާނެކަމަށް ޑރ. މުއާޒް މޫސާ ވިދާޅުވިއެވެ.
"އިރާދަކުރެއްވީތީ ހުރިހާ ބަލިމީހުންވެސް ސްޓޭބަލް. އެހެން ނަމަވެސް ރިސްކް އެސެސްކޮށްފައި ހައިރިސްކް ކެޓަގަރީގެ ބަލިމީހުންތަކެއްވީމަ އިތުރަށް އެތަނުން އެކަކު މިގެންނަނީ އެހެންވެ، ދެން ހުރީ އެނާގެ އަންހެނުންނަށްވީމަ އޭނާވެސް މިގެނައީ" ޑރ. މުޢާާޒް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑްް-19 ޖެހިފައިވާ 6 މީހަކު ފެނިފައިވާއިރު މި އެންމެންނަކީވެސް ބިދޭސީންނެވެ. މިބައްޔަށް ޕޮޒިޓިވްވި މީހުންނާއި ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހުން ފެނިފައިވާތީ މިހާތަނަށް ރާއްޖޭގެ 5 ރިސޯޓަކަށް އަރައިފޭބުންވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.