ވިޔަފާރި

ފެބްރުއަރީމަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.43 ބިލިއަން ރުފިޔާ


އާމްދަނީގެ ގޮތުގައި މިދިޔަމަހު މީރާއަށް 1.43 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު ލިބުނު އާމްދަނީއާއި އަޅާބަލާއިރު 12.3 އިންސައްތައިގެ ކުރިއެރުމެއްކަމަށެވެ.

ފެބްރުއަރީމަހު ލިބުނު އާމްދަނީ އިތުރުވެފައިވާއިރު މިއީ މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ 2.2 އިންސައްތަ އިތުރު ޢަދަދެކެވެ. މީރާއިން ބުނީ މިދިޔަމަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންކަމަށެވެ.

ފެބްރުއަރީމަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އާމްދަނީގެ 43.7 އިންސައްތަ ޖީއެސްޓީގެ އާމްދަނީ ހިއްސާކުރާއިރު، އެއީ 625 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. ބީޕީޓީގެ ގޮތުގައެވެ. އެއީ 413 މިލިއަން ރުފިޔާއެވެ.

ފެބްރުއަރީމަހު މީރާއަށް ގްރީން ޓެކްސްގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ ލިބިފައިވާއިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 166 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފެބްރުއަރީ މަހު މީރާއަށް 1.43 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު މިއީ މިއަހަރުގެ ޖެނުއަރީމަހު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ 20 އިންސައްތަ ދަށް ޢަދަދެކެވެ. ޖެނުއަރީ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ 1.81 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.