މިދިޔަ ފެބްރުއަރީމަހު އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީއާއި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ ފެބްރުއަރީމަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 2019 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 19 އިންސައްތަ އިތުރުވެފައެވެ.
މިދިޔަމަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު އިމްޕޯޓްކުރި 3.4 ބިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.
އިމްޕޯޓްކުރި މުދާ އިތުރުވެފައިވާއިރު މިދިޔަމަހު އެކްސްޕޯޓުކުރި މުދާ ވަނީ 26 އިންސައްތައަށް ދަށްވެފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީމަހު 535 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މިއަހަރުގެ ފެބްރުއަރީމަހު އެކްސްޕޯޓުކޮށްފައިވަނީ 394 މިލިއަން ރުފިޔާގެ މުދަލެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ނިމުނު ފެބްރުއަރީމަހު ދައުލަތަށް ލިބިފައިވަނީ 299 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހު އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 252 މިލިއަން ރުފިޔާއާ އަޅާބަލާއިރު 19 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަމަހު ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާލާއިރު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ 472 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި ޗައިނާއިންނެވެ. އޮމާންއިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 425 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. އެކްސްޕޯޓްކުރި މުދަލުގެ 40 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު މިއީ 158 މިލިއަން ރުފިޔާގެ މުދަލެވެ.
ފަރަންސޭސިވިލާތަށް 43.3 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ޖަރުމަނުވިލާތަށް 39.4 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ ތެރޭގައި ހިމެނެނީ އެކި ބާވަތްތަކުގެ ތާޒާ އަދި ފިނިކުރިމަހުގެ ބާވަތްތަކެވެ.