ޚަބަރު

އެމްޑީޕީ ކެމްޕެއިން ހަރަކާތްތަކުގައި އެންމެބޮޑު އިސްކަމެއްދޭނީ ޞިއްޚީ ހޭލުންތެރިކަމަށް - އަފްޝަން


އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޞިއްޚީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކާއެކުގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލް އިންތިޚާބްގެ ކެންޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީއަކީ 93000 އަށްވުރެގިނަ މެންބަރުންތިބި، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށެވެ.

މިހާގިނަ އަދަދެއްގެ މެމްބަރުން ތިބި ޕާޓީއަކަށްވުމުން ޞިއްޚީ ގޮތުން މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައި ގަތުމަށް، ދުނިޔޭގެ ސިއްޙަތާއިބެހޭ މައި އިދާރާ ޑަބްލިއުއެޗްއޯއާއި، ރާއްޖޭގެ ޞިއްޙީ އިދާރާތަކުން ފޯރުކޮށްދޭންބޭނުންވާ މައުލޫމާތު ދިނުމުގައި އެޕާޓީއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ޤަބޫލުކުރާކަމަށް އަފްޝަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ކެމްޕެއިންގެ ހަރަކާތްތައް ފޯނުގެ ޒަރީއާއިންނާއި، އެއްރަށް އަނެއްރަށް ގުޅާލެވޭ ވިއުގައެއް މެދުވެރިކޮށް ކެންޕެއިން މެސެޖުތައް ފޯރުކޯށް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިމެސެޖްތަކާއިއެކު ކޯވިޑް-19 އިން ސަލާމަތްވުމުގެ މައްޗަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19 ފެނިފައިވާތީ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ޙަރަކާތެއް ނުހިންގުމަށް އެމްޑީޕީން ނިންމާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ސޯޝަލް މީޑިޔާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭނު ޙަރަކާތްތައް ކުރިއަށްގެންދިއުމަށް އެޕާޓީން ނިންމާފައިވާއިރު، މިއާއެކީ ޞިއްޚީ ގިނަ މައުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށް ދެވިގެންދާނެކަމަށް އަފްޝަން ވިދާޅުވިއެވެ.