ތަރައްްޤީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 1700 ހައުސިންގ ޔުނިޓްގެ ބިންގާ މިއަދު އަޅަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1700 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުން މިއަދު އޮންނާނެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަމަށް ހައުސިންގ މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކަށް ހަމަޖައްސާފައިވަނީ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމުގައި ހަރަކާތްތެރިވާ ޗައިނާގެ މަޝްޙޫރު ކުންފުންޏެއްކަމަށްވާ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމަށް ބާއްވާ ރަސްމިއްޔާތު މިއަދު ހަވީރު ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާއާއި ދަޢުލަތުގެ ބައެއް ވަޒީރުންނާއި، އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއްގެނެސް، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުވައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދެވެ.

އެގޮތުން މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 20،000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެކަމަށް ބޭނުންވާ ފްރޭމްވޯރކް އެގްރީމެންޓްތަކުގައި ސޮއިކޮށް، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް 2019 ވަނަ އަހަރުގެ ތެރޭގައި ޚާއްސަ އެސެސްމަންޓެއް ވަނީ ކުރިއަށްގެންގޮސްފައެވެ.