ސިއްހަތު

އުމްރާއިން އައި މީހަކު މާސްކޮރޯނާއަށް ޓެސްޓްކުރަނީ


އުމުރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންގެ ތެރެއިން އެކަކުގެ ގައިން ނިއުމޯނިޔާގެ އަސަރު ފެނިފައިވާތީ އިތުރަށް ޓެސްޓްކުރުމުގެ އިންތިޒާމާއި މާސްކޮރޯނާ ވައިރަސްކަން ޔަގީންކުރުމުގެ ގޮތުން ކުރަންޖެހޭ ޓެސްޓްތައް ޑަބްލިއު.އެޗް.އޯ އާއި ގުޅިގެން ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. އެޗް.ޕީ.އޭއިން މިކަން ހާމަކޮށްފައިވަނީ އެއޭޖެންސީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. މި ބަޔާނުގައި އެޗްޕީއޭއިން ބުނެފައިވަނީ ހެދިފައިވާ ޕްރޮޓޮކޯލްތަކާއި އެއްގޮތަށް މިބަލިމީހާއަށް ބޭނުންވާ ފަރުވާ މިހާރު ދެވެމުންދާ ދާކަމަށެވެ. އުމުރާގެ އަޅުކަން އަދާކުރުމަށްފަހު އައި މީހުންގެ ތެރެއިން  މިހާތަނަށް ފުއްޕާމޭގެ ބަލީގައި ދެމީހަކު އެޑްމިޓް ކުރެވި ފަރުވާ ދެމުންދާކަމަށްވެސް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ.އަދި އުމުރާގެ އަޅުކަމަށްފަހު އެނބުރި އައި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދުއިސައްތައެއްހާ މީހުން އައި.ޖީ.އެމް.އެޗާއި ހުޅުމާލޭގައި ހުރި ފްލޫ ކުލިނިކްތަކުން ޚިދުމަތް ހޯދާފައިވާކަމަށްވެސް އެއޭޖެންސީން ބުނެފައިވެއެވެ.އުމްރާއަށް ދާ ފަރާތްތަކަށް ފުރުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ މަޢުލޫމާތު ދެވި، އަދި އުމްރާއިން އެނބުރި އައުމަށްފަހުވެސް އެއްވެސް އަލާމަތެއްފެނިއްޖެނަމަ އަމަލުކުރާނެގޮތުގެ އިރުޝާދުވެސް ދެމުންދާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި ބަލި ފެތުރުން ކުޑަ ކުރުމުގެ ގޮތުން ހޮސްޕިޓަލްތަކުން "އިންފެކްޝަން ކޮންޓްރޯލް" ކުރުމުގެ މަސައްކަތް ހަރުދަނާ ކުރެވިފައި ވާކަމަށްވެސް އެއޭޖެންސީން ބުނެފައިވެއެވެ.މާސްކޮރޯނާއަށް ރާއްޖޭގައި ފަރުވާ ކުރެވޭނެ ޕްރޮޓޮކޯލްތައް ރޭވި، ހޮސްޕިޓަލްތަކުގެ ތައްޔާރީތައްވެސް ހަރުދަނާކުރެވިފައިވާކަމަށް އެޗް.ޕީއޭއިން ބުނެއެވެ. އުމްރާއިން އަންނަ މީހުން 14 ދުވަހުގެ ތެރޭގައި ހުން އައިސް ކެއްސާ އަދި ނޭވާލުމަށް އުނދަގޫވާ ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ، ފުލޫކުލިނިކުތަކަށް ވަޑައިގެން ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.